އިނގިރޭސިވިލާތުގެ ލަންޑަންގައި މުސްލިމް އާއިލާއެއްގެ ހަތަރު މެމްބަރަކު ގަސްތުގައި މަރާލި ކަމަށް ތުހުމަތު ކުރެވޭ ކެނެޑާ މީހަކު އޭނާގެ ޝަރީއަތަށް ޖޫރީން ހޮވުން ފެށުމާއެކު ކުށަށް އިއުތިރާފުވެފަ އެވެ.

ކެނަޑާއަށް ނިސްބަތްވާ ނަތަނިއަލް ވެލްޓްމަންގެ މައްޗަށް ތުހުމަތު ކުރެވެނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހުގެ ހަވީރު މުސްލިމް އާއިލާއެއްގެ 4 މެމްބަރަކު ހިނގާލަން ނުކުމެ އުޅެނިކޮށް އޭނާގެ ޓްރަކުން ގަސްތުގައި ޖައްސައި މަރާލިކަމުގެ ދައުވާ އެވެ. ކޯޓުގެ ރެޖިސްޓްރާ ދައުވާ ކިޔަމުން ދަނިކޮށް ދައުވާ ލިބޭ މީހާގެ ކައިރީގައި ހުރެގެން ދިފާއީ ވަކީލު ކްރިސްޓޮފަރ ހިކްސް ވަނީ ވެލްޓްމަންގެ ފަރާތުން ކުށަށް އިއުތިރާފުވާ ކަމަށް ބުނެފައެވެ. ކޯޓުގައި އަތް ދިގު ހުދު ގަމީހަކާއި ކަޅު ފަޓުލޫނެއް ލައިގެން ހުރި ވެލްޓްމަން، ޖޫރީން ހޮވުމުގެ މަރުހަލާގައި އޭނާގެ ދިފާއީ ވަކީލުން ކަމަށްވާ ހިކްސް އާއި ޕީޓާ ކެޗެސަންގެ މެދުގައި މަޑުމަޑުން އިނީ އިށީނދެގެންނެވެ.

ބާރަ ހަފްތާއަށް ކުރިއަށްދާނެ ކަމަށް ބެލެވޭ ޝަރީއަތަށް ޖޫރީން ހޮވުން މިއަދު ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ. ސުޕީރިއާ ކޯޓުގެ ފަނޑިޔާރު ރެނީ ޕޮމެރެންސް މިދިޔަ އަހަރު ނިންމެވީ މި މައްސަލައިގައި ތަން ބަދަލުކުރަން ޖެހޭ ކަމަށާއި ޝަރީއަތް ލަންޑަނުން އޮންޓޭރިއޯގެ ވިންޑްސަރަށް ބަދަލުކޮށްފައިވާ ކަމަށެވެ. އޮންޓޭރިއޯއަކީ މިހާދިސާ ހިނގި ސަރަހައްދެވެ.

މި ހަމަލާގައި މަރުވެފައިވަނީ ސަލްމާން އަފްޒާލް، 46، އާއި އޭނާގެ 44 އަހަރުގެ އަންހެނުން މަދީހާ ސަލްމާނާއި އެމީހުންގެ 15 އަހަރުގެ އަންހެން ދަރިފުޅު ޔުމްނާ އަދި އޭނާގެ 74 އަހަރުގެ ކާފަ ތަލަތު އަފްޒާލް އެވެ. އެ ދެމަފިރިންގެ 9 އަހަރުގެ ދަރިފުޅަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބުނު ނަމަވެސް އޭނާ ވަނީ ސަލާމަތްވެފަ އެވެ.

ވަކީލް ޕޮމެރެންސް ވިދާޅުވީ ދައުލަތުން ތުހުމަތު ކުރަނީ ހައްޔަރުކުރިއިރު އުމުރުން 20 އަހަރުގެ ވެލްޓްމަން ގަސްތުގައި މުސްލިމް އާއިލާގެ މެމްބަރުންނަށް ހަމަލާދޭން މަސައްކަތް ކުރީ ހަރުކަށި ކަނާތުފިޔައިގެ ވިސްނުންތަކެއް އެދުވަސްވަރު އޭނާގެ ސިކުނޑީގައި ގެންގުޅެމުން ދިޔުމުގެ ސަބަބުން ކަމަށެވެ. އަފްޒާލް އާއިލާއަށް ދިން ހަމަލާގެ ސަބަބުން މުޅި ކެނެޑާގައި ސިހުމާއި ހިތާމައާއި ބިރުވެރިކަމުގެ ރާޅުތަކެއް އުފެދި، އެގައުމުގައި އިސްލާމްދީނާމެދު އޮތް ރުޅިވެރިކަން ނައްތާލުމަށް ފިޔަވަޅުތައް އަޅަން ގޮވާލުންތައް އިތުރު ވެގެންދިޔައެވެ. މިހާދިސާއާ ގުޅިގެން ސިޓީ އޮފް ލަންޑަނުން އަފްޒަލް އާއިލާއަށް ވަނީ ބަގީޗާއެއް ޚާއްސަކޮށްފިއެވެ.