މާލޭ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވައި ރައްޔިތުންގެ އިހުސާސްތައް އަޑު އަހާލުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު މާލޭގައި ޑޯޓުޑޯ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހަވީރު މާލޭގެ ބައެއް ޢާންމު ރައްޔިތުން ހަދާފައިވާ ޖަގަހަތަށް ހުޅުވައި ދެއްވުމަށްފަހު މުއިއްޒުވަނީ އެސަރަހައްދު ތަކުގައި ހުރި ބައެއް ގޭގެއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށްފައެވެ. މުއިއްޒު ވަޑައިގެންނެވި ގޭގެއިންނާއި މަގުމަތިން ދިމާވި މީހުން ވަނީ މުއިއްޒު ހޮވުމަށް ތައްޔާރަށް ތިބިކަމަށް ބުނެ ޝުއޫރު ފާޅުކޮށްފައެވެ.

މުއިއްޒަކީ އެންމެ ފަހުން ބޭއްވު މާލެ ސިޓީ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވައި މާލޭގެ މޭޔަރުކަން ކާމިޔާބު ކުރެއްވި ބޭފުޅާއެވެ. މާލޭގެ ރައްޔިތުންގެ އެތާއީދާއިއެކު އަދި އެއަށްވުރެއް ބޮޑު ތާއީދަކާއިއެކު މިފަހަރުގެ ރިޔާސީ އިންތިހާބުގައި މާލޭގެ ސާފު މެޖޯރިޓީ ނެގުމަކީ ޑރ. މުއިއްޒުގެ އަމާޒެވެ.

މުއިއްޒު ވަނީ އެމަނިކުފާނުގެ މެނިފެސްޓޯގައި މާލޭގެ ރައްޔިތުންނަށް މުހިންމު ގިނަ ވައުދުތަކެއް ހުށަހަޅުއްވާފައެވެ. މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާ ވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލު ގެންނާނެކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ. މުޢިއްޒުގެ މެނިފެސްޓޯގައި ވަނީ، ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށް 65000 ގެދޮރު ޔަގީންކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ގާނޫނުން ލިބިދޭ ބޯހިޔާވަހިކަމުގެ ހައްގުގެދަށުން، އަމިއްލަ ބޯހިޔާވަހިކަން ނެތް އެއްވެސް ރައްޔިތެއް ނެތްކަން ކަށަވަރުކުރައްވާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މާލޭގައި ހުންނަ ސިނަމާލެ، މާލެހިޔާ ފްލެޓްތައް އަދި ވިލިމާލޭގައި ހުރި ސިނަމާލެ ފްލެޓްތައް ތަޅާލާ، އާފްލެޓްތަކެއް އަޅާދެއްވުމަށް މުއިއްޒު ވަޢުދުވެވަޑައިގެންނެވިއެވެ. އަދި ވިލިމާލޭގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކުރެއްވުމަށްވެސް މެނިފެސްޓޯގައި ހިމަނުއްވާފައިވެއެވެ. މީގެއިތުރުން މާލޭގެ ބޭނުން ނުހިފާ ހުރި ބިންތައް ހުސްކޮށް، 2000 ހައުސިން ޔުނިޓް ގާއިމުކުރެއްވުމަށާއި، އަތޮޅުތަކުގައި ހަައުސިން މަޝްރޫއުތައް ހިންގެވުމަށްވެސް މެނިފެސްޓޯގައި ހިމަނުއްވާފައިވެއެވެ.

މުޢިއްޒު ވިދާޅުވެފައިވަނީ ހުޅުމާލެ އެޗްޑީސީގެދަށުން މިނިވަންކޮށް، ގާނޫނުގައި ބުނާގޮތަށް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރައްވާނެ ކަމަށެވެ.