ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަނިޔާ ލިބުނު މީހުންނަށް ތަސައްލީއެއް ލިބޭނީ ރިޔާސީ އިންތިހާބަށް ފާރިސް މައުމޫން ނުނިކުންނެވުމުން ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ ފާރިސް ރޭ އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މައުމޫންގެ ވެރިކަން ކުރެއްވި ދުވަސްވަރު ރައްޔިތުންގެ ތެރެއިން ބަޔަކަށް އަނިޔާތަކެއް ލިބި އަދި ހިތާމަތަކެއް މެދުވެރިވެފައިވާ ކަމަށް ގަބޫލުކުރާ ކަމަށާއި އަދި އެ ހިތާމައިގައި އަދިވެސް ބަޔަކު ތިބި ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދުދެއްވަމުންނެވެ..

ފާރިސް ވަނީ މައުމޫނު ވެރިކަން ކުރެއްވި ދުވަސްވަރުގެ އެކަންތައް ދޮގު ނުކުރައްވާ ކަމަށާއި "އަޅުގަނޑު މިކަމަށްޓަކާ ތިބޭފުޅުން އަރިހުން ނިހާޔަތަށް މައާފަށް އެދެން،" ކަމަށް ފާރިސް ވިދާޅުވިއެވެ.

ރީކޯ މޫސަ ވިދާޅުވީ ބައްޕަގެ ވެރިކަމުގަ އަނިޔާލިބުނު މީހުންގެ އާއިލާތަކަށް ލިބޭނެ ތަސައްލީއަކީ ބައްޕަގެ ތާއީދާ އެއްބާރުލުމާއެކު ބައްޕަގެ ބަސްވިކޭނެ ވެރިކަމެއް އުފައްދަވަން ފާރިޝް ނުނިކުންނެވުން ކަމަށެވެ.