ތުރުކީވިލާތަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ 7 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ދައުލުތަގެ މީޑިޔާއިން ބުނެފިއެވެ.

ދައުލަތުގެ މީޑިޔާ "އަނަދަލޫ ނިއުސް އެޖެންސީ" ރޭ ބުނީ މަރުވި ހަތް މީހުންގެ ތެރެއިން 5 މީހުން މަރުވީ ކާކްލަރޭލީ ޕްރޮވިންސުން ކަމަށެވެ. މިއީ ބަލްގޭރިޔާ އާއި ގްރީސްގެ ބޯޑަރާ ދާދި ކައިރީގައިވާ އަވަށެކެވެ. މިވިއްސާރައިގެ އަސަރު ގްރީސް އަށާއި ބަލްގޭރިޔާއަށްވެސް ދަނީ ކުރަމުންނެވެ. އަދި އަނެއް 2 މީހުން މަރުވީ ވެރިރަށް އިސްތަންބޫލްގެ އުތުރުގައި އޮންނަ ބެސަކްސެހީރް އަވަށުންނެވެ. ޑްރޯން ވީޑިއޯ ތަކުން ފެންނަ ގޮތުގައި ފެންބޮޑުވެފައިވާ މިސަރަހައްދުން ކާރުތަކާއި އެހެނިހެން ވެހިކަލްތައް އޮޔާދާ މަންޒަރު ފެނެއެވެ. އަނަދަލޫ ނިއުސް އެޖެންސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފެންބޮޑުވުމުގެ ސަބަބުން މިސަރަހައްދުން 31 މީހަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

ތުރުކީގެ އިންޓީރިއާ މިނިސްޓަރ އަލީ ޔާލިކިޔާ ވިދާޅުވީ ފެންބޮޑުވުމާއި ގުޅިގެން ހިންގާ ރެސްކިއު އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމަށާއި އަދި ހާލުގައި ޖެހުނު އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

ތުރުކީގެ ކަމާބެހޭ އޮފިޝަލުން ހާމަކުރައްވާ ގޮތުގައި މިވިއްސާރައިގައި އިސްތަންބޫލަށް އެންމެ 6 ގަޑިއިރު ތެރޭގައި ކޮންމެ ސްކްއަރ މީޓަރަކަށް 125 ކިލޯ ގްރާމްގެ ވާރޭ ވަނީ ވެހިފައެވެ. މިއީ އެގައުމުގެ މޫސުމާބޭ އިދާރާއިން މުޅި ސެޕްޓެމްބަރު މަހު އިސްތަންބޫލަށް ވެހޭނެ ކަމަށް އަންދާޒާ ކޮށްފައިވާ މިންވަރާ އެއްވަރުގެ މިންވަރެކެވެ.

މިދުވަސްވަރަކީ ދެކުނު އިރުމަތީ ޔޫރަޕުގެ ގައުމުތަކަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި އެގައުމުތަކުގެ އިންފްރާސްޓްރަކްޗަރއަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ ދުވަސްވަރެއްކަން ފާހަގަ ކޮށްލެވެއެވެ.