ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ރާއްޖެއަށް އިގްތިސާދީ ގޮތުންނާއި އަދި އިޖުތިމާއީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯއްދެވިކަމަށް އޮސްޓްރޭލިއާގެ ކުރީގެ ހާރިޖީ ވަޒީރު އެލެކްސެންޑާ ޑައުނާ ވިދާޅުވެއްޖެއެވެ.

ޑައުނާ މިހެން ވިދާޅުވެފައިވަނީ އެކްސް.ކޮމްގައި ކުރެއްވި ޓްވީޓެއްގައެވެ.

ޑައުނާ ވިދާޅުވީ ރައީސް ސާލިހު ހޯއްދަވާފައިވާ ކާމިޔާބީއާ މެދު، އޮސްޓްރޭލިއާގެ ކުރީގެ ފޮރިން މިނިސްޓަރެއްގެ ހައިސިއްޔަތުން އުފާކުރައްވާކަމަށެވެ. އަދި ކުރިއަށް ރިޔާސީ އިންތިހާބު އޮތްއިރު، ރައީސް ސާލިހުގެ ޒައާމަތުގައި ލިބުނު ކުރިއެރުންތަކަށް ބަލާލުން މުހިންމުކަމަށެވެ. އެގޮތުން ޑައުނާ ވަނީ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ

ޑިމޮކްރެޓިކް ވެރިކަމާއި ބައިނަލްއަގުވާމީ އެއްބާރުލުން ދިނުމުގައި އެމަނިކުފާނު ވަނީ ސާބިތުކަން ދައްކަވާފައި ކަމަށާއި ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ރާއްޖެ އަނެއްކާވެސް ވުމަކީ އޭގެ ނަތީޖާ ކަމަށް ޑައުނާ ވަނީ ވިދާޅުވެފައެެވެ.

ރާއްޖޭގައި މުވައްޒަފުންނަށް ލިބޭ އިނާޔަތްތައް ޑައުނާ ވަނީ ފާހަގަކުރައްވާފައެވެ. 10 ޕަސެންޓް ސާވިސް ޗާޖެއް ނަގަން ޖެހޭ ގޮތަށް މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމުގެ ސަބަބުން އެ މުވައްޒަފުންގެ ދިރިއުޅުމުގެ ހާލަތު ކުރިއަށްވުރެ ރަނގަޅު ވެފައިވާކަމަށް ޑައުނާ ވަނީ ވިދާޅުވެފައެވެ.

ޑައުނާ ވިދާޅުވެފައި ވަނީ އޮސްޓްރޭލިއާގެ މިނިމަމް ވޭޖުގެ އުސޫލާ އެއްގޮތަށް ރާއްޖޭގައި ވެސް މިނިމަން ވޭޖެއް ކަނޑައެޅުމަކީ އިގްތިސާދީ ހަމަހަމަކަން ގާއިމުކުރުމަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ރާއްޖެއާއި އޮސްޓްރޭލިޔާގައި ވެސް ތައުލީމަށް ހާއްސަ އިސްކަމެއް ދޭކަމަށް ޑައުނާ ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ރާއްޖޭގައި މިހާރު ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭކަން ހާއްސަކޮށް ފާހަގަކުރައްވައި ޑައުނާ ވިދާޅުވީ މިއީ އިގުތިސާދީ ފުރުސަތުތައް ފުޅާކުރުމަށް ކުރެވޭ މުހިންމު ކަމެއް ކަމަށެވެ.

ޓީޗަރުންގެ މުސާރަ 56 ޕަސެންޓަށް ބޮޑުކޮށްފައިވާ ކަމަށާއި ރާއްޖެއަކީ ވިހެއުމުން އަންހެނުން ދޭ ހަ މަހުގެ ޗުއްޓީ އާއި ފިރިންނަށް ދޭ އެއް މަހުގެ ޗުއްޓީ ލިބޭ ހަމައެކަނި މުސްލިމް ގައުމު ކަމަށްވެސް ޑައުނާ ވިދާޅުވިއެވެ.

ރާއްޖެއަކީ އެހެން ގައުމުތަކާއި އަޅާބަލާއިރު ނިސްބަތުން ކުޑަ ގައުމަކަށް ވި ނަމަވެސް، މި 21 ވަނަ ގަރުނަށް ފެތޭ ގޮތަށް ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކަށް ގެންނަ ހެޔޮ ބަދަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ގައުމަކަށް ރާއްޖެ މިހާރު ވެފައިވާކަމަށް ޑައުނާ ވަނީ ހާމަކުރައްވާފައެވެ. ކުރިއަށް މި އޮތް އިންތިހާބުގައިގެ ވޯޓު ލާއިރު، ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް ބަލައި، އާންމުންގެ ނިންމުން ރަނގަޅު ވާނޭކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޑައުނާގެގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.