ޢަރަބިއްޔާ ސްކޫލާއިމެދު މިސަރުކާރުން އަމަލުކޮށްފައިވާ ގޮތުން އުންމީދު ގެއްލިފައިވާ އަރަބިއްޔާ ސްކޫލުގެ ބެލެނެވެރިންނަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިތުބާރާއި ޔަގީންކަން ދެއްވައިފިއެވެ.
އިއްޔެ ކުއްލި ގޮތަކަށް މުއިއްޒުއާއި، އަނބިކަނބަލުން ވަނީ އަރަބިއްޔާ ސްކޫލުގެ މައްސަލަތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބެލެނެވެރިންނާއި ބައްދަލު ކުރައްވާފައެވެ. އަރަބިއްޔާ ސްކޫލުގެ ހައްގުގައި އަޑު އުފުލުމަށް ޓަކައި ހަދާފައިވާ "އަރަބިއްޔާ ފެމެލީ" އެކްސް.ކޮމް އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި އެބެލެނިވެރިން ބުނެފައިވަނީ ޑރ. މުއިއްޒު އެބޭފުޅުންނާއި އެކު ބޭއްވި ކުއްލި ބައްދަލުވުމުން ވަރަށް އުންމީދީ ވައުދުތަކެއް ވެވަޑައިގެންފައިވާ ކަމަށެވެ.
އެ ވައުދުތަކުގެ ތަފްސީލް މިއަދު ހާމަ ކުރައްވާނެ ކަމަށް ވެސް "އަރަބިއްޔާ ފެމެލީ" އިން ބުނެފައިވެއެވެ.
ޑރ.މުއިއްޒު ވަނީ ކެމްޕޭންގައި ކަނޑިތީމްގައި ބޭއްވި ޖަލްސާއެއްގައި އަރަބިއްޔަގެ ބެލެނެވެރިންނަށް އުންމީދީ މެސެޖްތަކެއް ދެއްވާފައެވެ. މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރުން ދާއިމީ ހައްލު ހޯދުމަށް ކަމަށްބުނެ އަރަބިއްޔާ ސްކޫލު އެޅުމަށް ނިންމި ސަރަހައްދަކީ މާލޭގެ އެންމެ ކާރޫބާރު ބޮޑު އަދި ޖާގައިގެ ގޮތުން މާބޮޑު ތަނަވަސްކަމެއް ނެތް ކުރީގެ ބާ ޖަމާލުއްދީން އިމާރާތް ހުރި ތާގައި ކަމަށެވެ. މުއިއްޒު ވިދާޅުވީ މާލޭގައި އެއަށްވުރެ މާޖާގަ ބޮޑު މިއިމާރާތް އެޅޭނެ ބިންތައް އެބަހުރިކަމަށެވެ. ނަމަވެސް ސަރުކާރުގައި އެއިމާރާތް އަޅާނެ ޝައުވެރިކަމެއް ނެތްކަމަށެވެ.
އަރަބިއްޔާ ސްކޫލުގެ ބެލެނެވެރިން ދަނީ މިސަރުކާރުން އަރަބި، އިސްލާމީ ތައުލީމަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމުދޭ އެންމެ ބޮޑު ސްކޫލަކީ އަރަބިއްޔާ ސްކޫލުކަމަށް ވާއިރު، މިފަސް އަހަރު އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި، ބެލެނެވެރިން އުޅެންޖެހުނީ ދާއިމީ ސްކޫލެއްނެތި އެތަން މިތަނުން ދުވުމުގައެވެ.
މިދިޔަ ދިރާސީ އަހަރު ނިމެންދެން އަރަބިއްޔާ ސްކޫލް ހިންގަމުން ދިޔައީ ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައެވެ. އަދި މިއަހަރު ވަނީ އަރަބިއްޔާ ސްކޫލް ހިންގުމަށް، ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތަށް ބަދަކުލޮށްފައެވެ. ޗާންދަނީ މަގުގައި ހިންގަމުންދިޔަ އަރަބިއްޔާ ސްކޫލްގެ އިމާރާތް ވަރަށް ބޮޑަށް ރެނދުލައި ހަލާކުވުމުގެ ސަބަބުން ބެލެނިވެރިން ކަންބޮޑުވުންތަކާއެކު އެ ސްކޫލް އެ އިމާރާތުގައި ހިންގުން ހުއްޓާލިއެވެ.
ވަގުތީ ހައްލެއްގެ ގޮތުގައި އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ތައުލީމު އުގެނުމަށް އެތަން ހަމަޖައްސަވާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި އެ ދަރިވަރުންނަށް ދާއިމީ ހައްލެއްގެ ގޮތުގައި ބާޖަމާލުއްދީނުން ބިމެއް ދީފައިވާއިރު، ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުންދާ ސްކޫލެއް އަރަބިއްޔާ އަށް ހާއްސަ ކުރުމަށް ވަނީ ނިންމާފައެވެ.