އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި އިތުރު ބާރަ އަހަރުގެ ޖަލު ހުކުމެއް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު އިއްވައިިފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިިވިކަމަށް ތުހުމަތުކޮށް ދައުލަތުން ޒިޔަތުގެ މައްޗަށް މީގެ ކުރިން އުފުލި 32 ދައުވާއަށް، ދައުލަތާ އެކު ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން ޒިޔަތު ވަނީ ކުރިން އިއުތިރާފް ވެފަ އެވެ.

އޭރު އިއްވި 20 އަހަރުގެ ޖަލު ހުކުމް ޒިޔަތު ތަންފީޒު ކުރަމުން ދަނީ ގޭގައެވެ. ޒިޔަތަށް ކޮށްފައިވާ އެ ޖަލުހުކުމް ވަނީ އެތައް ދުވަހެއް ކުރިން ގެއަށް ބަދަލުކޮށްފައެެވެ. އިތުރު ބާރަ އަހަަރުގެ ޖަލު ހުކުމެއް އިއްވީ ދައުލަތުން މިފަހުން އުފުލި، ހިނާތްތެރިވުމުގެ ތިން ދައުވާ ސާބިތުވެގެންނެވެ.

ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނި ގޮތުގައި، ބާރަ އަހަރުގެ ޖަލު އަދަބެއް ޒިޔަތުގެ މައްޗަށް ކަނޑައަޅާފައިވަނީ ދައުލަތާ އެކު ހެދި އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ދައުލަތާއެކު ޒިޔަތު ހެދި އިއުތިރާފުގެ އެބަސްވުމުގެ ދަށުން:

  • ޒިޔަތުގެ މައްޗަށް ކަނޑައަޅާ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ހަތަރު ދަރަޖަ މަތިކުރުމަަށް އެއްބަސްވެފައިވޭ
  • ޒިޔަތު ކުށަށް އިއުތިރާފުވެފައިވާތީ އާއި މައްސަލައިގެ ތަހުގީގު އަދި ޝަރީއަތުގެ މަރުހަލާގައި އެކަށީގެންވާ މިންވަރަށް އެއްބާރުލުން ދީފައިވާތީ، އަދަބު ކަނޑައަޅުމުގެ މިންގަނޑުން ތިން ދަރަޖަ ދަށްކުރުމަށް އެއްބަސްވެފައިވޭ
  • އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ ފައިސާއެއް ނުވަތަ މުދަލެއް ދައުލަތަށް އަނބުރާ ނެގުމަށް ހިންގޭ އިދާރީ ނުވަތަ މަދަނީ ހުރިހާ އިންތިޒާމުތަކާއި ތަހުގީގުތަކާކުގައި އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވޭ
  • އެ ފައިސާ ނުވަތަ މުދާ ދައުލަތަށް އަނބުރާ ހަވާލުކުރުމަށް އެއްބަސްވެފައިވޭ

ޒިޔަތުގެ މައްޗަށް އުފުލާފައި އިތުރު ތިން ދައުވާއެއް އުފުލާފައި ވަނީ:

  • 2014 އަދި 2015 ވަނަ އަހަރުގެ ތެރޭގައި ބޭރު ފައިސާ ގަތުމުގެ ނަމުގައި ދައުލަތުގެ އެކި ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް ފައިސާ ހޯދުމަށް ފަހު، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރި މައްސަލައިގަ އާއި
  • ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ގޮތަށް އެމްއެމްޕީއާރުސީން އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި ފައިސާ ދޫކޮށް، އެ ފައިސާއަށް ހިޔާނާތްތެރި ވެފައިވާ ކަމަށް ތުހުމަތުކުރި މައްސަލައިގަ

މި މައްސަލަތަކުގައި ޒިޔާތުގެ މައްޗަށް މި މަހުގެ 4 ވަނަ ދުވަހު އުފުލީ ހިޔާނާތްތެރިވުމުގެ ތިން ދައުވާއެކެވެ.

  • ފުރަތަމަ ދައުވާ، ދައުވާކުރާ ސަބަބު: އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމުގައި ޒިޔަތު ހުރެ، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ތެރޭގައި އެމްއެމްޕީއާރްސީން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ޑޮލަރު ހޯދައިދުނުމުގެ ނަމުގައި އެ ކުންފުނިން އެކި ފަހަރު މަތިން ދިވެހި ރުފިޔާ ހޯދައި އެ ފައިސާތަކުގެ ތެރެއިން 2.3 މިލިއަން ރުފިޔާ އެކި ކުންފުނިތަކަށް ދޫކޮށް، އެ ފައިސާތަކަށް ހިޔާނާތްތެރި ވެފައިވާތީ
  • އަސާސީ އަދަބު: ތިން އަހަރާއި ދެ މަހާއި 12 ދުވަސް
  • ކަނޑައެޅި އަދަބު: ހަތަރު އަހަރަށް ޖަލަށް ލުމަށް
  • ދެވަނަ ދައުވާ، ދައުވާކުރާ ސަބަބު: އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމުގައި ހުރެ، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ތެރޭގައި އެމްއެމްޕީއާރްސީގެ ޑޮލަރު އެކައުންޓުގައި ހުރި ފައިސާތައްކެއް އަމިއްލަ އެކި ކުންފުނިތަކަށް ލޯނުގެ ނަމުގައި ދޫކޮށް، އެ ކުންފުނީގެ 6.8 މިލިއަން ޑޮލަރަށް ޔާނާތްތެރިވެފައިވާތީ
  • އަސާސީ އަދަބު: ތިން އަހަރާއި ދެ މަހާއި 12 ދުވަސް
  • ކަނޑައެޅި އަދަބު: ހަތަރު އަހަރަށް ޖަލަށް ލުމަށް
  • ތިން ވަނަ ދައުވާ، ދައުވާކުރާ ސަބަބު: މޯލްޑިވްސް އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމުގައި ހުރެ، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ތެރޭގައި މޯލްޑިވްސް ޓޫރިޒަމް ޑިވަލޮޕްމަންޓް ކޮމްޕެނީ (އެމްޓީޑީސީ) އިން އެމްއެމްޕީއާރްސީއަށް ލޯނުގެ ގޮތުގައި 1 މިލިއަން ޑޮލަރު ހޯދައި އެ ފައިސާތައް އަމިއްލަ ކުންފުންޏަކަށް ދޫކޮށް، އެ ފައިސާތަކަށް ހިޔާނާތްތެރިވެފައިވާތީ
  • އަސާސީ އަދަބު: ތިން އަހަރާއި ދެ މަހާއި 12 ދުވަސް
  • ކަނޑައެޅި އަދަބު: ހަތަރު އަހަރަށް ޖަލަށް ލުމަށް

މީގެ ކުރިން ޒިޔަތަށް އިއްވި ވިހި އަހަރުގެ ޖަލު ހުކުމް އޭނާ ތަންފީޒުކުރަމުން ގެންދަނީ ގޭގަ އެވެ. ވުމާއެކު، ބާރަ އަހަރުގެ ހުކުމް ވެސް ތަންފީޒު ކުރާނީ ގޭގައި ކަމަށް ބެލެވެ އެވެ.