ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި މަސައްކަތް ކުރެއްވި ގާނޫނީ ވަކީލު އާދަމް އާސިފް (އާސިއްޕެ) ޕީޕީއެމުން ވަކިވެ އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

ޕީޕީއެމްގެ އިސްތިއުނާފީ ކޮމިޓީގެ މެމްބަރުކަންވެސް ކުރެއްވި ލޯޔަރު އާސިފް އެމްޑީޕީއާއި ގުޅިވަޑައިގެން، އެމްޑީޕީއަށް ސޮއި ކުރެއްވި ފޯމު ހަވާލުކުރެއްވީ އެ ޕާޓީގެ ޗެއަރޕާސަން އަދި އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާއީލަށެވެ.

އެމްޑީޕީއަށް ސޮއިކުރުމާ ހަމައަށް އާސިފަކީ ޕީޕީއެމްގެ އިސްތިއުނާފީ ކޮމިޓީގެ މެންބަރެކެވެ. އާސިފް ވަނީ ވޮޑުމުލާ މައްސަަލައިގައި ރައީސް ޔާމީނުގެ މައްޗަށް ހިންގި ޝަރީއަތުގައި އެ މަނިކުފާނުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ.

ދާދި ފަހުން މުޅި ރާއްޖޭގެ ސަމާލުކަން ހުއްޓުނު ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުނު، އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ބާތިލު ކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ކުރިއަށް ދިޔަ ދުވަހާއި އެރޭ އާސިފް ވަނީ ޗެނަލް 13 ގައި މިސަރުކާރަށާއި ރައީސް ސާލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ރައީސް ޔާމީނާއި ޕީޕީއެމް/ޕީއެންސީއަށް ތާއީދު ކުރައްވައި ގިނަ ވާހަކަތަކެއް ދައްކަވާފައެވެ.

އާސިފްގެ އިތުރުން ޕީޕީއެމްގެ މަގުމަތީ ހަރކާތްތަކުގެ އިސް އެކްޓިވިސްޓު، ގާނޫނީ ވަކީލު މުހައްމަދު ހަމްޒާ ވެސް މިއަދު ވަނީ އެމްޑީޕީއާ ގުޅިފައެވެ.