އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރާކަން ހާމަކޮށް 100 ދީނީ އިލްމުވެރިޔަކު ގުޅިގެން ބަޔާނެއް ނެރެ، މުއިއްޒަށް ވޯޓު ދިނުމަށް އިލްތިމާސް ކުރައްވައިފިއެވެ.

ހޮނިހިރު ދުވަހުު ވޯޓުލުމުގެ ކުރިން ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް އިލްމުވެރިންގެ ތެރޭގައި ހިމެނޭ ސަތޭކަ އިލްމުވެރިން ތާއީދުކުރިކަން ހާމަކޮށް ނެރުނު ބަޔާނުގައި ވަނީ ރިޔާސީ އިންތިހާބުގައި ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޢިލްމާއި، ހުނަރާއި ހުލްގާއި މިހުރިހާ ކަމަކަށް ބަލާއިރު އެންމެ ގާބިލް ކެންޑިޑޭޓަކީ ޑރ. މުއިއްޒު ކަމަށެވެ. އެހެންކަމުން، އެބޭފުޅުން މުއިއްޒާއި އެމަނިކުފާނުގެ ރަނިންގމޭޓު ހުސައިން މުހައްމަދު ލަތީފަށް ތާއީދުކުރައްވާ ކަމަށެވެ.

"ރިޔާސީ އިންތިހާބާ މެދު ރާއްޖޭގައި ދީނީ ތަގުރީރު ކުރުމާއި ވައުޒު ބުނުމުގެ ހުއްދަ ދޫކޮށްފައިވާ 100 އިލްމުވެރީންގެ ބަސް" މި ނަމުގައި އާންމުކޮށްފައިވާ ބަޔާނުގައި ވަނީ މުއިއްޒަށް ވޯޓު ދެއްވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ.

"މި ހާލަތުގައި މާތްވެގެންވާ އިސްލާމް ދީނާއި ގައުމުގެ މަސްލަހަތު އިސްކޮށް، ގައުމުގެ ސުލްހަމަސަލަސްކަމާއި އަމަންއަމާންކަން ރައްކާތެރިކޮށް ހިފަހައްޓައި، މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށާއި މުސްލިމުންގެ މެދުގައި ބައިބައިވުމާއި އަދާވާތްތެރިވުމާއި ނަފްތަރު އުފެއްދުމުގެ އެއްވެސް އަމަލަކަށް ޖާގަ ނުދެއްވުމުވަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތްކުރަން،"
ސަތޭކަ އިލްމުވެރިންގެ ބަސް

އިލްމުވެރީންގެ އެ ބަޔާނުގައި އެ ބޭފުޅުންގެ ފުރިހަަމަ ނަމާއި ކިޔަވައި ވިދާޅުވި ތަންތަނާއި ތައުލީމީ ފެންވަރުވެސް ވަނީ ބަޔާންކޮށްފައެވެ.