ހަތްދިހައިގެ އަހަރުތަކު ތެރޭ ބޮލީވުޑްގެ އުދަރެހުގައި ވިދާލި މަޝްހޫރު ދެތަރިން ކަމުގައިކާ ޒީނަތު އަމާން އާއި ޝަބާނާ އާޒްމީ އެކުގައި "ބަން ޓިއްކީ" ކުޅުމަށް ސޮއިކޮށްފިއެވެ.

"ބަން ޓިއްކީ" ފިލްމްގެ ޝޫޓިން އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފެށުމަށް އަންނަނީ ތައްޔާރީތަށް ވަމުންނެވެ. ހަތްދިހައިގެ ތެރޭގައި ފިޔަޖެހި މަޝްހޫރު ދެ ބަތަލާއިން އެއް ފިލްމް އަކުން ބަލައިލުމަކީ އެއީ ގިނަ ބެލުންތެރިންގެ އުންމީދެކެވެ.

އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާ މީގެ ދެދުވަސް ކުރިން ރަސްމީކޮށް ލޯންޗްކުރި، އޭނަގެ އަމިއްލަ ފިލްމު ޕްރޮޑަކްޝަން ހައުސް، ސްޓޭޖް 5 ޕްރޮޑަކްޝަނުން އެންމެ ފުރަތަމަ ހަދަން ނިންމާފައިވާ ތިން ފިލްމުގެ ތެރެއިން އެއް ފިލްމު "ބަން ޓީއްކީ" އަށް މިހާރުން ފެށިގެން ޝައުގުވެރިކަމާއެކު އިންތިޒާރު ކުރާކަމަށް މީހުން ވަނީ ބުނަން ފަށާފައެވެ.

"ޝީރު ކޯރްމާ" އާއި "ދުލްހާ ވޯންޓެޑް" އަދި "ސިސަކް" ފަދަ ފިލްމުތައް ގެނެސްދިން ފަރާޒް އާރިފުއަންސާރީ ޑައިރެކްޓް ކުރާ "ބަން ޓިއްކީ" އިން ހުނަރުވެރި އަދި ވާދަވެރިކަން ބޮޑު މި ދެތަރިންގެ ފުރިހަމަ ހަރަކާތްތަކާއި ނެށުންތައްވެސް ފެންނާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ. ހަތްދިހައާއި އަށްޑިހައިގެ ރެޓްރޯ ސްޓައިލެއް ފެންނާނެކަމަށް ބުނާ މީހުންވެސް ގިނައެވެ.