ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކުރި މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ހައިކޯޓުގެ ނިންމުމާ މެދު ހިތްހަމަ ނުޖެހޭތީ ކަމަށެވެ.
ރާއްޖެއިން ބޭރަށް ވަޑައިގެން ފިލާފާނެ ކަމަށް ޕީޖީ އޮފީހުން ބުނުމުން ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.
ޖިހާދު އެ ކޯޓުގައި އެދިވަޑައިގަތީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށެވެ. ނަމަވެސް ގާޒީ މުހައްމަދު ސަމީރު ވަނީ އެ ހުއްދަ ނުދީ، ޕާސްޕޯޓް ހިފަހައްޓާފަ އެވެ.
ހައިކޯޓުގެ ހުކުމްގައި ވަނީ ޖިހާދު ފިލާފާނެ ކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް ޕީޖީ އޮފީހަށް ދެއްކިފައިނުވާ ކަމަށެވެ. އަދި ހަމައެކަނި ރާއްޖެއިން ބޭރަށް ދިޔުމަކީ ފިލުން ކަމުގައި ނުބެލެވޭނެ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.
ކ. ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްޤީ ކުރުމާ ގުޅޭ ގޮތުން ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމާއި ދިވެހި ސަރުކާރުގެ ފަރާތުން ޚިލާފުވެފައިވާ މައްސަލާގައި ޖިހާދުގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ.
ޕީޖީ އޮފީހުން ބުނީ، ޖިހާދުގެ މައްޗަށް އުފުލާފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލު ކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ. މި މައްސަލައަކީ އެސެޓް ރިކަވަރީ ކޮމިޝަނުން ތަޙުޤީޤުކޮށް ފޮނުވާފައިވާ މައްސަލައެކެވެ.
އެޓަރނީ ޖެނެރަލް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އާ ދެމެދު ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްޤީ ކުރުމަށް ވެފައިވާ އެއްބަސްވުމާއި ދިވެހި ސަރުކާރު ޚިލާފުވެފައިވާކަމަށް ބުނެ އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ކަން އެކުންފުނިން ސަރުކާރަށް އަންގާފައިވާ ކަމަށެވެ.
ކ. ފުށިދިއްގަރު ފަޅު ތަރައްޤީ ކުރުމުގެ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 18 ޖެނުވަރީ 2013 ގައެވެ. ފުށިދިއްގަރު ފަޅު ތަރައްޤީ ކުރުމަށް ސޮއިކޮށްފައި ވަނީ ޑރ. ވަހީދުގެ ވެރިކަމުގައެވެ.