ހުޅުމާލޭގެ ފޭސް ދޭއްގައި ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުން މިއަދު ކަރަންޓު ކަނޑައިލާނެ ކަަމަށް ބުނެ އޮންލައިން ނޫހަކުން ފެތުރި ހަބަރެއް ސްޓެލްކޯއިން ދޮގުކޮށްފިއެވެ.

ސްޓެލްކޯއިން މިހެން ބުނެފައި ވަނީ އެކްސް.ކޮމްގައި މިއަދު ކުރި ޓުވީޓެއްގައެވެ.

ޓުވީޓުގައި ސްޓެލްކޯއިން ބުނީކަރަންޓުގެ ވިއުގައަށް ގެންނަންޖެހޭ އަޕްގްރޭޑްތައް ގެނައުމުގެ ބޭނުމަށް އެއްވެސް ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑައިލާނަމަ އަބަދުވެސް އަމަލު ކުރަމުން އަންނަ އުސޫލުގެ މަތިން އެކަން އެ ސަރަހައްދެއްގައި ހިމެނޭ ކަސްޓަމަރުނަަށް އަންގާނެ ކަމަށެވެ.

ކަރަންޓު ކަނޑާ ނަމަ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އެކަން އަންގާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

"އެ ފަދަ ނޯޓިސް އެއް މި ކުންފުނިން ނެރެފައި ނުވާއިރު އަދި ރިޔާސީ އިންތިހާބުގައި ވޯޓުލާނެ އެތަކެއް ބައެއްގެ ހައްގަށް ދަތިވާގޮތަށް މިކުންފުނިން އަމަލު ކުރާނެ ކަމަށް ބުނެ މިފަދަ ދޮގު ހަބަރުތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމުގައި ދެކެން. އަދި ގްރޭޓާމާލޭ ރީޖަންގެ އެއްވެސް ތަނަކުން ކަރަންޓުގެ ހިދުމަތް މެދު ކެނޑުމަށް މިއަދު ތާވަލް ކުރެވިފައިނުވާނެ ކަމުގައި ދަންނަވަން،" ސްޓެލްކޯ އިން ކުރި ޓުވީޓުގައި ބުނެފައިވެއެވެ.