މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަނބިކަނބަލުން، މެޑަމް ފާތިމަތު އިބްރާހިމް ވޯޓު ލައްވައިފިއެވެ.

މިވަގުތާ ހަމައަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒާއި އަދި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް، ސެމްބެ ވަނީ ވޯޓުލައްވާފައެވެ.

މީގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު އަދި އެހެންވެސް ރިޔާސީ ކެންޑިޑޭޓުންނާއި ރަނިންމޭޓުން ވަނީ ވޯޓުލައްވާފައެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ހެނދުނު ފެށިފައި ވާއިރު، މިއަދުގެ 10:00ގެ ނިޔަލަށް 36 ހާސް މީހުން ވޯޓު ލާފައި ވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފައިވެއެވެ. އީސީއިން ބުނީ، ވޯޓުލާން ފެށިތާ ދެ ގަޑިއިރު ތެރޭގައި ޖުމުލަ 36163 މީހުން ވޯޓު ލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 22403 ފިރިހެނުންނާއި 13760 އަންހެނުންނެވެ. އެހެންކަމުން މިހާތަނަށް ވޯޓު ލާފައި މިވަނީ، ވޯޓު ލެވޭ އާބާދީގެ 12.8 އިންސައްތަ މީހުންނެވެ. މިހާތަށް ވޯޓު ނުލާ ވަނީ 246232 މީހުންނެވެ. އެއީ 87 އިންސައްތައެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފެށިފައި ވާއިރު، ވޯޓުލާ ކިއު ބަންދު ކުރާނީ ހަވީރު 4:00 ގައެވެ. އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި، ލަންޑަން އަދި އަބޫދާބީ ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވޯޓުލުން ވަނީ ފެށިފައެވެ.