މޮރޮކޯއަށް ރޭ ކުރިމަތިވި ބާރުގަދަ ބިންހެލުމެއްގައި 800 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.
ބިންހެލުން އައިސްފައި ވަނީ އެގައުމުގެ މެދުތެރޭ މަރަކޭޝް ސިޓީ އާއި ދެކުނުގެ ބައެއް އަވަށްތަކަށެވެ. އަދި ބިންހެލުމުގެ އަސަރު އަވަށްޓެރި އަލްޖީރިއަށްވެސް ކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. މޮރޮކޯގެ އިންޓީރިއާ މިނިސްޓްރީއިން ބުނީ 6.8 މެގްނިޓިއުޑުގެ ބާރުގައި މިނުގައި ބިންހެލުން އައީ މަޝްހޫރު ހައިއެޓްލަސް ފަރުބަދައިގެ 18.5 ކިލޯ މީޓަރު އަޑިން ކަމަށެވެ.
މޮރޮކޯގެ އިންޓީރިއާ މިނިސްޓްރީއިން ބުނީ މަރުވި މީހުންގެ އަދަދު އިތުރަވަމުން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުނު ލިބުނު މަރަކޭޝް ސިޓީއަކީ ގަދީމީ ޒަމާނުގެ އެތައް އިމާރާތެއް ހުންނަ މަޝްހޫރު ސިޓީއެކެވެ. ބިންހެލުމުގައި މީގެ ތެރެއިން ގިނަ އިމާރާތްތަކެއް ބިމާހަމަވެފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. މަރަކޭޝް ސިޓީގައި މިލިޔަނެއްހައި މީހުން ދިރިއުޅޭއިރު އެސިޓީއަކީ މޮރޮކޯއަށް ޒިޔާރަތްކުރާ ފަތުރުވެރިން މެދުގައި ވަރަށް މަގުބޫލް ސިޓީއެކެވެ.