ޖޯ ބައިޑެން އެމެރިކާގެ 46 ވަނަ ރައީސްކަމުގެ ހުވާކުރެއްވުމަށް މިމަހުގެ 20 ވަނަ ދުވަހު ބާއްވާ އިހުތިފާލުގައި ލޭޑީ ގަގާއާއި ޖެނިފަރ ލޮޕޭޒްގެ އައިޓަމްތަކެއްގައި ބައިވެރިވާގޮތަށް ހަމަޖެހިއްޖެއެވެ.

އެމެރިކާގެ ކޮންގްރެސް އިމާރާތުގެ ވެސްޓް ފްރަންޓުގައި އޮންނަ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ލޭޑީ ގަގާއާއި ހަވާލުވެފައިވަނީ އެމެރިކާގެ ގައުމީ ސަލާމް ހުށަހަޅައިދިނުމެވެ. ޖެނިފަރ ލޮޕޭޒްއާ ހަވާލުވެފައިވަނީ މިއުޒިކަލް އައިޓަމެއް ހުށަހެޅުމެވެ.

މިފުރުސަތު ލިބުމުން ލޭޑީ ގަގާއާއި ޖެނިފަރ ލޮޕޭޒްވެސްވަނީ، ޓްވީޓްކޮށް އެއީ، ލިބޭ ވަރަށްބޮޑު އުފަލަކާއި، ޝަރަފެއް ކަމަށް ބުނެފައެވެ.

ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމުގެ ހުވާ އަދި ކަމަލާ ހެރިސް އެމެރިކާގެ ނައިބް ރައީސްކަމުގެ ހުވާ ކުރައްވާ ތާރީޚީ ހަފްލާގެ ބައެއް ޕްރޮގްރާމްތައް، އިނޮގުރޭޝަން ޓީމުން ހާމަކޮށްފައިވާއިރު، ޓޮމް ހޭންކްސް 90 މިނެޓުގެ ޕްރައިމްޓައިމް ޓީވީ ސްޕެޝަލްއެއް ކުރިއަށް ގެންދަންވެސްވަނީ ހަމަޖެހިފައެވެ.

ބައިޑެން-ކަމަލާ ހުވާ ކުރެއްވުމުގެ ރަސްމިއްޔަތާ ގުޅިގެން ކުރިއަށްގެންދާ ޚާއްސަ އިހުތިފާލުގައި ބައިވެރިވާ އެހެން ފަންނާނުންގެ ތެރޭގައި ޖަސްޓިން ޓިމްބަރލޭކް، ޖޯން ބޮން ޖޯވީ، ޑެމީ ލޮވާޓޯ އަދި އޭންޓް ކްލެމަންސްވެސް ހިމެނެއެވެ.

ޑެމީ ލޮވާޓޯ އިންސްޓަގްރާމްގައި ޕޯސްޓްކުރި މެސެޖެއްގައި ބުނެފައިވަނީ، ބައިޑެން ހުވާކުރައްވާ ރަސްމިއްޔާތުގެ ސްޓޭޖް އައިޓަމްގައި ބައިވެރިވާން ދައުވަތު ލިބުމުން އޭނާގެ ބަސްހުއްޓުނު ކަމަށެވެ.

ޖަސްޓިން ޓިމްބަރލޭކް ބުނެފައިވަނީ، އޭނައާއި އޭންޓް ކްލެމެންސް ހުށަހަޅައިދޭނީ އެމީހުންގެ އާލަވަ "ބެޓަރ ޑޭސް" ކަމަށެވެ.

ބައިޑެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތާ ގުޅިގެން ކުރިއަށްގެންދާ 'ސެލެބްރޭޓިންގ އެމެރިކާ" ގެ ނަމުގައި ކުރިއަށްގެންދާ ލައިވް ޝޯވ، އެމެރިކާގެ ބޮޑެތި ޓީވީ ޗެނަލްތަކުން ވަގުތުން ދުރަށް ދައްކައި، އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލައިވްސްޓްރީމް ކުރުމަށްވަނީ ހަމަޖެހިފައެވެ.