މޮރޮކޯގެ މަރަކޭޝްއަށް ހުކުރު ދުވަހުގެ ރޭ ކުރިމަތިވި ބިންހެލުމުގައި މިހާތަނަށް ދެހާހަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ކަމާބަހޭ އިންޓީރިއާ މިނިސްޓްރީއިން ހާމަކޮށްފިއެވެ.

މިހިތާމަވެރި ހާދިސާއާ ގުޅިގެން ރަސްގެފާނު މުހައްމަދު ހަވަނަ ވަނީ 3 ދުވަހުގެ ގައުމީ ހިތާމަ އިއުލާން ކުރައްވައި، ގެއްލުން ލިބުނު ފަރާތްތަކަށް ވީއެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އާންމުންނަށާއި ރެސްކިއު ޓީމުތަކަށް ގޮވާލައްވާފައެވެ.

ބިންހެލުން އައިސްފައި ވަނީ އެގައުމުގެ މެދުތެރޭ މަރަކޭޝް ސިޓީ އާއި ދެކުނުގެ ބައެއް އަވަށްތަކަށެވެ. އަދި ބިންހެލުމުގެ އަސަރު އަވަށްޓެރި އަލްޖީރިއަށްވެސް ކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. މޮރޮކޯގެ އިންޓީރިއާ މިނިސްޓްރީއިން ބުނީ 6.8 މެގްނިޓިއުޑުގެ ބާރުގައި މިނުގައި ބިންހެލުން އައީ މަޝްހޫރު ހައިއެޓްލަސް ފަރުބަދައިގެ 18.5 ކިލޯ މީޓަރު އަޑިން ކަމަށެވެ.

އިންޓީރިއާ މިނިސްޓްރީން ބުނާ ގޮތުގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ އަލް ހައުޒް ޕްރޮވިންސާއި ތަރޫދާން ޕްރޮވިންސްއިން ކަމަށެވެ. ޔުނެސްކޯގެ ހިމާޔަތުގައި ހިމާޔަތްކޮށްފައިވާ މުސްކުޅި މަރަކޭޝް ސިޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް މާރެކޭޝްގައި މަރުވާ މީހުންގެ އަދަދު ނިސްބަތުން މަދެވެ.

ބީބީސީގެ ރިޕޯޓަރު ނިކް ބީކް ބުނެފައި ވަނީ އެއްތަނުން އޭނާއަށް މަރުވެފައި އޮތް 18 ހަށިގަނޑު ފެނިފައިވާ ކަމަށާއި، އެސަރަހައްދުގެ ގިނަ ބަޔަކު އަމިއްލަ ގެ ދޫކޮށް މަގުމަތީގައި ނިދަމުން އަންނަ ކަމަށެވެ. އަދި އެސަރަހައްދަށް ކާނާ އާއި ބޯފެން މިހާރުން މިހާރަށް ފޯރުކޮށްދޭން ޖެހިފައިވާ ކަމަށެވެ.

މަރަކޭޝް ސިޓީއަކީ ވެރިރަށް ރަބާތާއި 300 އެއްހައި ކިލޯމީޓަރު ދުރުގައި އޮންނަ އެކަހެރި އެކަމަކު ފަތުރުވެރިން މެދުގައި ވަރަށް މަގްބޫލް ސިޓީއެކެވެ.