ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ދާނީ ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަޝްވަރާގެ މަތީން ކަމަށާއި، މިއަދު ލީޑަރޝިޕްގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމަވާފައިވާކަމަށް ޕީޕީއެމްގެ/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހޯއްދެވި ބޮޑު ކާމިޔާބީއަށް ފަހު އިންތިހާބުގެ ދެވަނަ ބުރަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން މުއިއްޒު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރަކަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ދެވަނަ ބުރުގައި ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއިދާއިއެކު ސާފު އައުލަބިއްޔަތަކުން މިއިންތިހާބު ކާމިޔާބު ވާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.
މުއިއްޒު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށްދާނެ ގޮތަކާއި ގުޅޭގޮތުން ރައީސް ޔާމީންގެ ލަފާފުޅަކަށް އެދިވަޑައިގަންނަވާނޭ ކަމަށެވެ. އަދި މިއަދު ރައީސް ޔާމީންގެ ލަފާފުޅަށް އެދި ޕާޓީގެ ލީޑަރޝިޕްގެ ބައްދަލުވުމެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ހަމަމިއާއެކު، މުއިއްޒު ވަނީ އިންތިހާބުގައި މިހާތަނަށް ލިބުނު ކާމިޔާބީގައި ދިވެހި ރައްޔިތުން ދެއްވި ތާއީދާއި ކުރެއްވި އިތުބަރަށް ފަށް ފަށުން ޝުކުރު އަދާ ކުރައްވާފައެވެ.
"މިއީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް. ދެވަނަ ބުރުގައި ދިވެހި ރައްޔިތުންގެ ތާއިދާއިއެކު ބޮޑު ކާމިޔާބެއް ލިބިގެންދާނެކަމަށް އަޅުގަނޑު އުންމީދުކުރަން،" މުއިއްޒު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި އެންމެ ބޮޑު ދައުރެއް އަދާކުރައްވާނެ ބޭފުޅެއް ކަމަށް ބެލެވޭ ބޭފުޅަކީ ރައީސް ނަޝީދުއާއި ދަ ޑިމޮކްރެޓްސްއެވެ.
ހަމައެހެންމެ އުމަރު ނަސީރާއި، ޖޭޕީގެ ގާސިމް އިބްރާހީމާއި، ކާނަލް ނާޒިމް އަދި ފާރިސްމައުމޫނުގެ ތާއީދުވެސް ދެވަނަ ބުރުގައި ކޮންމެ ކެންޑިޑޭޓަކަށްވެސް މުހިންމު ވާނެއެވެ.