ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ ރަޖިސްޓްރީ ކުރުމަށް ދޭނީ ދެ ދުވަސް ކަމަށް އިލެކްޝަން ކޮމިޝަންސް (އީސީ) އިން ބުނެފިއެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު، އެކްސް.ކޮމްގައި މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުން ރީ-ރަޖިސްޓްރީ ކުރުމަށް ދެ ދުވަސް ލިބޭނެ ކަމަށެވެ.

"މިވަގުތު ހަމަޖައްސާފައި އިނީ މިމަހުގެ 16 އިން 17. ނަމަވެސް ރަސްމީކޮށް ގެޒެޓްކުރާނަން،" ފުއާދު ވިދާޅުވިއެވެ.

އީސީގެ ނައިބުރައީސް އިސްމާއީލް ހަބީބުވެސް ޓުވީޓެއްގައި ދެވަނަ ބުރަށް ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް ފުރުސަތު ހުޅުވާލައި އިއުލާން ކުރާނޭ ކަމަށެވެ.

ހަބީބް ވިދާޅުވީ، ފުރަތަމަ ބުރުގައި ވޯޓުލީތަން ނޫން އެހެންތަނެއްގައި ދެވަނަބުރުގައި ވޯޓުލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި މުއިއްޒު، ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައިވަނީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެގޮތުން މުއިއްޒަށް 101،394 ވޯޓް ލިބިވަޑައިގެންނެވި އިރު، ރައީސަށް ލިބިވަޑައިގެންނެވީ 85،698 ވޯޓެވެ. މުއިއްޒު، ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައިވަނީ 15،696 ވޯޓުގެ ތަފާތުންނެވެ.