ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައިވެސް ދިވެހި ރައްޔިތުން ފުރަތަމަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ދެއްވި ތާއީދު އިތުރުކޮށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް މުއިއްޒު އިންތިހާބު ކޮށްދެއްވުމަށް ކުރީގެ ރައީސް ޔާމީން އެދިވަޑައިިގެންފިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިން މުހައްމަދު ސާލިހުގެ މައްޗަށް ކުރި ހޯއްދެވީ މުއިއްޒެވެ. އެގޮތުން މުއިއްޒަަށް 101،635 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 15،000 ހާއްސަ ވޯޓުގެ ތަފާތެކެވެ.

ނަމަވެސް އެއްވެސް ބޭފުޅަކަށް އެއްބުރުން ކާމިޔާބު ކުރެވޭ ވަރަށް ވޯޓު ލިބިވަޑައިގެންފައި ނުވާތީ، ދެވަނަ ބުރެއްގެ ބާއްވަން ވަނީ ޖެހިފައެވެ. ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

ޔާމީންގެ އަރިހަށް ޒިޔާރަތް ކުރެއްވުމަށް ފަހު، ޔާމީންގެ މެސެޖެއް ކަމަށް ވިދާޅުވެ، ޖަމީލް ވިދާޅުވީ މުއިއްޒުއަށް އިތުރަށް ތާއީދު ދީ، ހިތްވަރުކޮށް، ދެވަނަ ބުރު ކާމިޔާބު ކޮށްދިނުމަށް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ ބޭރު ސިފައިން ބޭރުކޮށް، ގައުމު މިނިވަން ކުރަން ލިބޭ ހެޔޮ ފުރުސަތެއް ކަމަށްވެސް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި އައި 11 އަހަރުގެ ޖަލު ހުކުމެއްގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލުނުއިރު މުއިއްޒަކީ އެ މަނިކުފާނުގެ ބަދަލު ކެންޑިޑޭޓެވެ. ރައީސް ޔާމީންގެ ފުރިހަމަ ތާއީދު މުއިއްޒަށް އޮތް ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާއިރު މުއިއްޒު ވަނީ ވެރިކަން ލިބިއްޖެ ނަމަ އެންމެ ފުރަތަމަވެސް ގާނޫނީ ހަމަތަކުގެ މަތީން ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

"ރައީސް ޔާމީނުގެ ވެދުން ދިވެހި ރައްޔިތުންނަށް! ޑރ. މުއިއްޒުއަށް ތިބޭފުޅުންގެ އިތުރު ތާއީދު ދެއްވައި، ހިތްވަރު ކުރައްވައި ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ. މިއީ ބޭރު ސިފައިން ބޭރުކޮށް ގައުމު މިނިވަން ކުރަން ލިބޭ ހެޔޮފުރުސަތެއް،"
ޑރ. ޖަމީލް މެދުވެރިކޮށް ރައީސް ޔާމީން ފޮނުވި މެސެޖުގައި ވިދާޅުވިއެވެ.

އިއްޔެ އޮތް އިންތިހާބުން އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ އިތުރަށް ވޯޓް ލިބިވަޑައިގެންފައިނުވާތީ ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު އިންތިހާބުކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.