މި މަހުގެ 30 ވަނަ ދުވަހުގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދިވެހި ރައްޔިތުން ކުޑަ ހިތްވަރެއްލައި އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށް މިގައުމު "ދިވެހިންގެ ރާއްޖެ" އަށް ގެންދިއުމަށް، އިދިކޮޅު ކޯލިޝަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުޢިއްޒު މިރޭ އިލްތިމާސްކުރައްވައިފިއެވެ.

މުއިއްޒު މިފަދައިން އިލްތިމާސް ކުރެއްވީ، އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 46 އިންސައްތައަށްވުރެ ބޮޑު އަގުލަބިއްޔަތެއް ކާމިޔާބުވުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ "ޝުކުރިއްޔާ ރައްޔިތުން" އެއްވުމުގައި ވާހަކަދައްކަވަމުންނެވެ.

އިއްޔެ ދިވެހި ރައްޔިތުން ނިންމި ނިންމުމަކީ ދިވެހިންގެ މިނިވަންކަން ބޭނުންހާ ގޮތަކަށް ދީއްލާލަން ބޭނުންވާތީ ނިންމި ނިންމުމެއް ކަމަށެވެ. ދިވެހިން ބޭނުންވާ އުންމީދު ކުރި އެތައްކަމެއް ހާސިލް ނުވެ ރައްިތުންގެ ހާލަތު ބަދަލު ނުވާތީ އެކަން ބަދަލު ކުރަން ނިންމި ނިންމުމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ހުރިހާ ދިވެހިންވެސް ވާންވީ ފިކުރު އެއްގޮތްކޮށް، އިސްލާމް ދީނާއި ދިވެހި ބަހާއި ދިވެހި ގައުމިއްޔަތު ދިފާއު ކުރާ ބަޔަކަށް ކަމުގައެވެ. އަދި އިއްޔެގެ ވޯޓުގައި މުޅިން ހިޔާލު އެއްގޮތް ނުވި ފަރާތްތައްވެސް ހިޔާލު އެއްގޮތް ކޮށް 30 ސެޕްޓެންބަރުގައި ވޯޓު ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އިންތިހާބުގެ ދެވަނަ ބުރުގައި ދިވެހި ރައްޔިތުން ކުޑަ ހިތްވަރެއްލައި އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށް މިގައުމު "ދިވެހިންގެ ރާއްޖެ" އަށް ގެންދިއުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއްކޮށް ދެއްވުމަށް މުއިއްޒު ވަނީ ދިވެހި ރައްޔިތުންނަށް ވަނީ ގޮވާލައްވާފައެވެ.