ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލިހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނަގަން ވެރިކަން ކުރާ އެމްޑީޕީއިން މިރޭ ނިންމައިފިއެވެ.

މިގޮތަށް ނިންމީ އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައެވެ. މިމައްސަލަތައް ނަގަން ނިންމިއިރު، މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައެވެ. ނަމަވެސް މާދަމާ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައެޅުމުން މާދަމާ މަޖިލީހުގެ ޖަލްސާއެއް ނޯންނާނެއެވެ.

މަޖިލީހުގެ ރައީސް އަދި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަގަން ނިންމާފައިވަނީ މިވަގުތު ކަންކަން ފަސޭހަކަމާއެކު ގެންދަންކަމަށް އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ނައިބް، މުހައްމަދު އަސްލަމް ވިދާޅުވެއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ، އެކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ ވޯޓާއެކުއެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅީ އެމަނިކުފާނު ގާނޫނު އަސާސީ އާއި ގަވާއިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާ ކަމަށް ބުނެއެވެ.