މިމަހު 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ، މުހައްމަދު މުއިއްޒަށް ތާއީދުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ހިންގާ ކޮމެޓީގެ ގިނަ މެންބަރުން އިއްތިފާގުވެއްޖެއެވެ.
އެމްއެންޕީ އިން މިގޮތަށް ނިންމީ މިރޭ ބޭއްވި އެޕާޓީގެ ހިންގާ ކޮމެޓީގެ ބައްދަލު ވުމެއްގައެވެ.
އެމްއެންޕީއިން މިރޭ ވަނީ އެ ޕާޓީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ބަޔަކާމެދު މެމްބަރުން ވަނީ ވޯޓު ލާފައެވެ.
ކޯލިޝަން ހެދުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ހިޔާލު ފާޅު ކުރުމަށްފަހު، ގިނަ މެމްބަރުން ބޭނުންވީ، ޕީޕީއެމް/ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް ކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް ކޯލިޝަން ހަދާނެ ޕާޓީއެއް ނިންމާނީ އެކްސްކޯ މީޓިން އަކަށްފަހުގައި ކަމަށް އެ ޕާޓީން ބުނެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ނުކުތް ނަތީޖާ އެމްއެންޕީން ވަނީ ގަބޫލު ކޮށްފައެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބުގައި މަސައްކަތް ކޮށްދެއްވި ހުރިހާ ވޮލަންޓިއަރުންނަށާއި މުވައްޒަފުންނަށާއި އަދި ވޯޓުދިން ހުރިހާ އެންމެންނަށް ވަރަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ޕާޓީ އުފައްދައިގެން މިވީ ދެއަހަރާއި ގާތްކުރާ މުއްދަތުގައި އެ ޕާޓީން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް ވޭތުވެދިޔަ ތަނުގައި މި ޕާޓީއާއެކު ތިބި މީހުންނަށްވެސް ވަނީ ޝުކުރު އަދާ ކޮށްފައެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ނާޒިމް ދިޔައީ ހަތް ވަނައަށެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އޭނާ އަށް ލިބުނީ 1،915 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ %0.87 މީހުންނެވެ.
މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުން ކަމަށްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ.
ޕީ.އެން.ސީ އަކީ މަތްވެގެންވާ އިސްލާމްދީނާއި، މިރީތިރީތި ލޮބުވެތި ޤައުމަށްޓަކައި މަސައްކަތްކުރައްވާ ޕާޓީއެއްކަން މިހާރު އެބައެނގޭ