މި ސަރުކާރުން ކޮށްފައިވާ ކަންކަމަށް ފަސްއަޅައި ވާހަކަ ބަދަލުކުރަން މަސައްކަތް ފަށައިފިކަމަށާއި ނަމަވެސް ދިވެހި ރައްޔިތުންނަށް އޮޅުވައެއްނުލެވޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ މުއިއްޒު މިފަދައިން ވިދާޅުވީ މާފަންނު، "އިމްނާ" ޖަގަހަ ހުޅުއްވައިދެއްވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ ދިވެހި ރާއްޖެއަށް ކުރިމަތިވެފައި ހުރި ކަންކަމަށް ބަދަލެއް ނާންނަކަމަށާއި މި ސަރުކާރުން ކޮށްފައި ހުރި ކަންކަމަކީ ތެދު ހަގީގަތްކަން ސާފުކޮށް އެނގޭކަމަށެވެ. އެހެންކަމުން އެފަދަ އެކަންކަން ފޮރުވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ސަބަބުންވެސް އެކަމުގެ ހަގީގަތް އެނގި ހާމަވަމުންދާކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކުރިމަތިވެފައި ހުރި ކަންކަމުން އެއްވެސް ކަމެއް ބަދަލު ނުވާކަމަށާއި އެއީ ހަގީގަތްކަން ސާފުކޮށް އެނގެމުންދާ ކަމަށެވެ. އެ ކަންކަމަށް ފަސްއަޅައި ވާހަކަ ބަދަލުކުރަން ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށާއި މި ގައުމުގައި، ބޭރު ގައުމެއްގެ ސިފައިން ތިބި ތިބުމަކީ އެއީ ދޮގު ވާހަކައެއްކަމަށާއި އެއީ ނުހިނގާ ކަމެއްކަމަށް ދައްކަން އުޅޭ އުޅުމުންވެސް އެއީ ތެދުވާހަކައެއްކަން އިތުރަށް ދަނީ ސާބިތުވަމުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ހަމައެހެންމެ ރައްޔިތުންނަށް ކަންކަން އޮޅުވާލަން މި ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރެއްވިޔަށް އެކަން ނުކުރެވޭނެ ކަމަށާއި ރައްޔިތުން އެފަދަ ފުރުޞަތެއް ނުދެއްވާނެކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
"ކިތަންމެ ވަރަކަށް ފޭކް އެގްރީމަންޓު ހަދައިގެން، ކިތަންމެ ވަރަކަށް ރައްޔިތުންނަށް ކަންކަން އޮޅުވާލަން އުޅުނަސް މި ގައުމުގެ ރައްޔިތުންނަކީ ހޭލާ ތިބި ބައެއް، ރައްޔިތުންނަށް ކަންކަން ވަމުންދާގޮތް އިނގޭ، ގައުމުގެ ރައްޔިތުންނަކީ ކިޔަވައިގެން ތިބި ތަންދޮރު ފިލާފައި ތިބި ގައުމުދެކެ ލޯބިވާ ދިެހި ރައްޔިތުން، އިރާދުކުރެއްވިއްޔާ އެ ފުރުސަތު ދިވެހި ރައްޔިތުން ދެން ނުދެއްވާނެ،" މުއިއްޒު ވިދާޅުވިއެވެ.
އަދި ފުރަތަމަ ބުރުގައި ޕީއެންސީއާއި ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތުވި ރައްޔިތުންނަށް މިއަދު އެކަންކަން ސާފުވެވަޑައިގަންނަވާނެކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ދައްކަވާ ވާހަކަތަކަކީ ތެދު ވާހަކަ ކަން އެ ރައްޔިތުންނަށް މިހާރު އެނގިވަޑައިގަންނަވާނެކަމަށާއި ދެވަނަ ބުރުގައި އެއިން ކޮންމެ ބޭފުޅަކީވެސް ޕީޕީއެމް/ޕީއެންސީއާއެކު ކުރިއަށް ވަޑައިގަންނަވާނެ ބޭފުޅެއްކަން ޔަގީންކުރައްވާ ކަމަށެވެ.