އުތުރު ކޮރެއާގެ ސުޕްރީމް ލީޑަރު ކިމް ޖޮންގް އުން ރަޝިޔާއަށް ކުރައްވާ ދަތުރުފުޅެއްގައި މިދިޔަ އާދިއްތަ ދުވަހުގެ މެންދުރު ފަހު ޚާއްސަ ރޭލެއްގައި އުތުރު ކޮރެއާގެ ވެރިރަށް ޕިއޮންގްޔަންގްއިން ފުރައިވަޑައިގެންފައިވާ ކަމަށް ވޮއިސް އޮފް ކޮރެއާ ރޭޑިއޯ ސްޓޭޝަނުން ބުނެފި އެވެ.
ކިމްގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ ޕާޓީ އާއި ސަރުކާރާއި އަސްކަރިއްޔާގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ބައިވެރިވެޑައިގަންނަވާ ކަމަށްވެސް ވޮއިސް އޮފް ކޮރެއާ ރޭޑިއޯއިން ފާހަގަކޮށްފައިވެ އެވެ. ވޮއިސް އޮފް ކޮރެއާ ރޭޑިއޯއަކީ އުތުރު ކޮރެއާގެ ދައުލަތުގެ ރޭޑިއޯއެވެ.
އުތުރު ކޮރެއާގެ ސެންޓްރަލް ނިއުސް އެޖެންސީން ޝާއިއުކުރި ފޮޓޯތަކުން ދައްކާ ގޮތުގައި ޚާއްސަ ރޭލަށް އެރީ ލީޑަރ ކިމްގެ އިތުރުން ކޮރެއާގެ ވޯކަރސް ޕާޓީގެ ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ނައިބު ރައީސް ރީ ޕިއޮންގް ޗޮލް އާއި ވޯކަރސްގެ ވެރިޔާ ޕާކް ޖޮންގް ޗޮން އެވެ. ރޭލުގައި ރަޝިޔާއަށް ދަތުރު ކުރައްވާ އެހެނިހެން ބޭފުޅުންގެ މައުލޫމާތު ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް އިއްޔެ ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި ކިމް ޖޮންގް އުންގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ކިމް، ރަސްމީ ދަތުރުފުޅެއްގައި ރަޝިޔާއަށް މިވަޑައިގަންނަވަނީ ޔޫކްރައިން ހަނގުރާމައިގައި ބޭނުން ކުރުމަށް ރަޝިޔާއިން އުތުރު ކޮރެއާގެ ހަތިޔާރު ގަތުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހުޅަނގުން ތުހުމަތު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ވަނީ ރަޝިޔާއަށް ހަތިޔާރު ވިއްކައިފިނަމަ އޭގެ އަގު އުތުރު ކޮރެއާއިން ދައްކަން ޖެހޭނެ ކަމަށް ބުނެ އުތުރު ކޮރެއާއަށް އިންޒާރުކޮށްފައެވެ.