ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފައިވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ހިމެނޭހެން އެ ކޯލިޝަންގެ ވަފުދެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރައްވަން ސަން އައިލެންޑަށް ވަޑައިގެންފިއެވެ.

މިކަމާ ގުޅިގެން ގާސިމުގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ހުސައިން މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުއިއްޒުގެ ރަނިންމޭޓް އާއި ޕީޕީއެމް/ޕީއެންސީގެ ބޭފުޅުން ހިމެނޭ ހެން އިދިކޮޅުގެ ހާއްސަ ވަފުދެއް ގާސިމް އާއިއެކު މިއަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ދައުވަތު ދެއްވަން ވަޑައިގެންފައިވާ ކަމަށެވެ.

މީގެއިތުރުން އެ ވަފުދުގެ ތެރޭގައި މުއިއްޒުގެ ރަނިންމޭޓް އާއި ޕީޕީއެމް ޕީޖީ ލީޑަރު، އަހުމަދު ސަލީމް، ޕީޕީއެމްގެ ނައިބު ރައީސް، އަހުމަދު ޝިޔާމް، ޕީއެންސީގެ ނައިބު ރައިސް، މުހައްމަދު ސައީދު އަދި ޕީޕީއެމް ޕީޖީ މެމްބަރު، އަހުމަދު ތޯރިގް ހިމެނޭކަމަށާއި ގާސިމްއާއެކު ބާއްވާ މި ހާއްސަ ބައްދަލުވުން އޮންނާނީ މިރޭ ސަން އައިލޭންޑް ވިލާ ޕާކްގައި ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.

އަދި އެ ކޯލިޝަނުން ގާސިމް އިބްރާހިމް އާއި އެކީ ކޯލިޝަން ހެދުމުގެ މަޝްވަރާ ފަށާފައިވާއިރު، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވަނީ ޕީޕީއެމް/ޕީއެންސީ އާއި އެކީ ކޯލިޝަން އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.