ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރައްވަން މިއަދު ސަން އައިލެންޑް ރިސޯޓަށް ވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް ޕީޕީއެމް/ޕީއެންސީން ވެސް ވަނީ ގާސިމަށް ދައުވަތު ދީފައެވެ. އަދި އެ ބޭފުޅުންނާއެކު ރޭ މަޝްވަރާތައް ކުރިއަށް ގެންދެވި ނަމަވެސް މިހާތަނަށް އެމަނިކުފާނު އަދި ގޮތެއް ނުނިންމަވައެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންކަމުގެ މައުލޫމާތު މިއަދު އޮންނަ އެ ޕާޓީގެ ކައުންސިލު ބައްދަލުވުމަށް ގާސިމް ހުށަހަޅުއްވާނެ ކަމަށް ޖޭޕީން ބުނެފައިވެއެވެ.

ރައީސް ސާލިހް މިއަދު ގާސިމްއާ ބައްދަލު ކުރައްވާއިރު ފުރަތަމަ ބުރުގައި ކޯލިޝަން ހެދުމަށް ވެސް އެމަނިކުފާނަށް ވަނީ ދައުވަތު ދެއްވާފައެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމަށް ލިބިވަަޑައިގަތީ 5000 އެއްހައި ވޯޓެވެ.