ނިދާ ކޮޓަރީގައި ޒީނަތްތެރި ކުރުމުގެ ގޮތުން ތާޒާ، ރޯގަސް ބެހެއްޓުމަކީ އާންމުގޮތެއްގައި ގިނަ މީހުން މާބޮޑު ތަރުހީބެއް ދޭކަމެއް ނޫނެވެ. އެހެންނަމަވެސް މިކަމުގެ ފައިދާއާއި ބޭނުން އެނގިއްޖެ މީހަކު، އަަދި އެ ތަޖުރިބާ ކޮށްފި މީހަކު މިކަމާ ދެކޮޅު ނުހަދާނެ ކަން ކަށަވަރެވެ. ނިދާ ކޮޓަރިއެއް ތެރޭ ގަސް ބެހެއްޓުމުން ހަމައެކަނި އާދައިގެ ޒީނަތްތެރިކަމަކަށް ވުރެ، އެކަމުން މާ ބޮޑަށް ވެސް ގިނަ ފައިދާތަކެއް ލިބެއެވެ.

މީގެ ފައިދާއާއި މީގެން ކުރާ ހެޔޮއަސަރު އެނގިއްޖެނަމަ ޔަގީނުންވެސް ނިދާކޮޓަރީގެ ޒީނަތަށް އެންމެ ފުރަތަމަވެސް ހޯދާނީ ގަހެއްކަން ކަށަވަރެވެ. އެހެންނޫންނަމަ ގަސް ގެންގުޅުމަށް އިންތިހާއަށް ނުރުހޭ ފޫހިވާ މީހުންގެ ކޮޓަރީގައި ތިން ގަސް ނުހުހްނާނެއެވެ. ކަންހިނގާފައިވާ ގޮތަށް، މާޒީގެ ތަޖުރިބާއަށް ބަލާލުމުން އެނގެނީ ގަހާމެދު ނިހާޔަތަށް ފޫހިވެ ނުރުހޭ ފަރާތްތަކުންވެސް މިކަމުގެ ބޭނުންތެރިކަން އެނގުމަށްފަހު އުފަން ދަރިއަކާމެދު ބަހައްޓާ ހާއްސަކަން ގެންގުޅޭ ގަހަށް ބަހައްޓާ ކަމެވެ.

މިގަސްތަކުން ގަބޫލު ނުކުރެވުނަސް އަޖައިބެއް ކަހަލަ ހިތްހަމަޖެހުމަކާއި ފައިދާތަކެއް ވޭ، ކުރިން ގަހޭ ބުންޏަސް ފެހިޖަހާފައި ހުންނަ ތަންތަނުން ދުވާ ވަސް ހިތަށް އަރާނީ، ފާޑެއްގެ ޗީ އެއްވެސް ވޭ، އެކަމަކު މިހާރު، ވާހް އައި ލަވް މައި ބޭބީސް، މިއީ ހަމަ ބެސްޓްބަޑީސް،" ސޮފިއްޔާއަކީ ނިދާކޮޓަރީގައި ގަސް ގެންގުޅުމާމެދު ފާޅުގައި ދެކޮޅު ހެދި މީހެކެވެ. ނިދާކޮޓަރިން ގަސްތައް ނެރުމަށްވެސް ފިރިމީހާއަށް ޝަރުތުވެސް ކުރިއެވެ.

"މެރީކޮށްގެން އައިއިރު ބުނިން، ގަސް ބަހައްޓަންޏާ އައިމް ނޮޓް އެނީ މޯރ އޭ، ހަޒް ބުނީ އެންމެ ހަފުތާއެއް ދިނުމަށް، އެހަފުތާ ނިމުނު އިރު ހަޒް އަށްވުރެ ބޮޑަށް ގަސްތައް ދެކެ ސޮފީ ލޯބިވާން ފަށާފައި ހުރީ،" ސޮފީ ހެމުންހެމުން އެކިޔައިދިން ތަޖުރިބާ ކޮށްފައިވާ އެހެން މީހުންވެސް ވަކި މަދެއް ނޫނެވެ.

ނިދާކޮޓަރިއެއްގައި ވަކިވައްތަރެއްގެ ހާއްސަކަމެއް ހުންނަ ގަސް ގެންގުޅުމަކީ ސިއްހީ ދުޅަހެޔޮކަމާއެކު ނަފްސާނީ ގޮތުންވެސް ވަރަށް ބޮޑަށް ހެޔޮއަސަރު ކުރުވާ ކަމެކެވެ. އެގޮތުން ގަސްގަހުން ލިއްބައިދޭ ފައިދާތަކުގެ ތެރޭގައި:

  • ރަނގަޅަށް ނިދުމަށް އެހީތެރިވެދޭ
  • ރިލެކްސް ކޮށްދިނުން، (ހަމަޖެހުމާއި އަރާމުކަން ގެނެސްދިނުން)
  • ވައި ސާފުކުރުން (ކޮޓަރި ތެރޭގެ ސާފުކަން އިތުރުކޮށް ވައި ތާޒާކޮށް، ފިނިކޮށްލަދޭ)
  • އުފެއްދުންތެރިކަން އިތުރުކުރުން (ވިސްނޭ ގޮތްވުން، ހިތްހަމަޖެހުމާއި ލިބޭ ލުޔަކީ ވިސްނުން އިތުރުކޮށް ފުރިހަމަ ކުރާ ކަމެއް)
  • ސްޓްރެސް ކުޑަކުރުން (ހާސްކަން ކުޑަކޮށްލަދީ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން، ރޫހާނީ އަރާމެއް އިހުސާސްކޮށްދޭ)
  • އިތުރު އޮކްސިޖަން އުފެއްދުން (ކޮޓަރިތެރޭގެ ވައިސާފުވެ، ކާބަންޑިއޮކްސައިޑްގެ އަސަރު ނައްތައިލާ، ފިނިކޮށް، އޮކްސިޖަނުން ކޮޓަރި ފުރުވާލާ)
  • ތާޒާ ވަހެއް ގެނެސްދިނުން (އަރާމު ވަހެއް، ލުއި، ފޮނި އަދި ފިނި ވަހެއް ފަތުރާލަދޭ)
  • ހޫނުމިން (ހިއުމިޑިޓީ) ދަށްކޮށްދޭ(ކަރުހިއްކައި ޑީހައިޑްރޭޓް ވެ، މޫޑުގޯސްވާ ދުވަސްތަކުގައި ގަސްތަކުގެ ފައިދާ ވަރަށް ބޮޑަށް ބޭނުން ހިފޭ)
  • މެނަޕޯސްއަށް (އަންހެނުންނަށް) ވެސް ވަރަށް ރަނގަޅު އެހީތެރިއެއް،(މެނަޕޯސްގައި އަންނަ މޫޑުސްވިންގްސް ކަހަލަ އުނދަގޫ ދުރުކޮށް ހަމަޖެހުމަށް އެހީވެދޭ)

ނިދާ ކޮޓަރީގައި ބަހައްޓަން ރަނގަޅު ވަރަށް ގިނަ ވައްތަރުގެ ތަފާތުގަސްތައް ހުރެއެވެ. އޭގެ ތެރެއިން ބައެއް ގަސްތަކަށް ބަލާލާނަމެވެ. ބައެއް ގަސްތައް އައުޓްޑޯގައިވެސް އިންދައި ހެއްދިދާނެއެވެ. އެހެންނަމަވެސް މިބަލާލަނީ ހާއްސަކޮށް ނިދާކޮޓަރި، (އިންޑޯ ރޫމްސް)ގައި ހެއްދުމަށް އެންމެ ރަނގަޅު ވައްތަރުތަކަށެވެ. މީގެ ތެރޭގައި ބައެއް ގަސްތައް އައުޓްޑޯގައިވެސް ހެއްދޭނެއެވެ.

(މި ލިޔުމުގައި ބަލާލާނީ ނިދާކޮޓަރީގައި އިންދައި ހެއްދުމަށް އެންމެ ރަނގަޅު އަށް ގަހަކަށެވެ.

މިބައިގައި މިބަލާލަނީ ހަމަޖެހުމާއި އަރާމަށް އެންމެ ރަނގަޅު، ޖޭސްމިން އަށެވެ.

ރިލެކްޝަނަށް(ހަމަޖެހުމަށް) އެންމެ ރަނގަޅު ގަސް؛ ޖޭސްމީން

ޖޭސްމިން ގަސްގަހުގައި ކުދިކުދި ރީތި ހުދު މާތަކެއް ހުރެއެވެ. މި ކުދިކުދި ހުދު މާތަކުން ފޮނި ވަހެއް ދޫކުރެއެވެ. މިވަސް އާންމުގޮތެއްގައި ބޭނުން ކުރަނީ (އެސެންޝިއަލް އޮއިލް) ތެލުގެ ގޮތުގައެވެ. މިއީ އާދަޔާހިލާފު އަރާމުކަމެއް ހުންނަ ވަހެއްވެސް މެއެވެ.ދިރާސާތަކުން ދައްކާ ގޮތުގައި މި ވަހަކީ ހާސްކަން ކުޑަކޮށްލައިދޭ، ނިދުމުގެ ފެންވަރު ރަނގަޅުކޮށްލަދޭ ވަހެކެވެ.

ޖޭސްމިން ގަސްތަކަކީ ތަށިގަނޑެއްގައި ބަހައްޓަން ފުދޭވަރަކަށް ފަސޭހަ އަދި ނިދާކޮޓަރިތަކުގައި ވެސް ރީތިކޮށް ހައްދާލެވޭނެ ގަސްތަކެކެވެ. ކޮޓަރީގެ ކުޑަދޮރުމަތީގައި ބަހައްޓައިގެން ގެންގުޅެވޭނެއެވެ. މާ ހެދޭ ދުވަސްވަރު އެހާ ގިނައިން ފެން ޖެހުން ރަނގަޅެއް ނޫނެވެ.

ޖޭސްމިންގެ ހާއްސަކަން:

  • ހާސްކަން ކުޑަކޮށްލައިދޭ
  • ޖޭސްމިން ގަސްތަކުން ފުން، އަރާމު ނިދި ހޯދުމަށް އެހީތެރިވެދޭ
  • ދުވާލުގެ ވަގުތު، ސަމާލުކަމާއި އުފެއްދުންތެރިކަން އިތުރުކުރަން އެހީވެދޭ

ޖޭސްމިން ވަހުން ނިދި އަންނަނީ ކީއްވެގެން؟

ޖޭސްމިން ވަހަކީ ލުއި އަދި ސިކުނޑިއަށް ތަފާތު އަރާމުކަމެއް ގެނެސްދޭ ވަހެކެވެ. މި ފިނި ހުވަނދު ވަހުން ސިކުނޑީގެ ހައިޖާނުކަން ވަރުދެރަކޮށް، ސިކުނޑިއަށް ހަމަޖެހުމެއް ގެނެސްދެއެވެ. އަދި ދެން އިސާހިތު ނިންޖަށް މަގުފަހިކޮށްލަދެއެވެ.

އެރޯމާ ތެރަޕީގައި ޖޭސްމިން ގިނައިން ބޭނުން ކުރޭތަ؟

އެރޯމާ ތެރަޕީގައި ޖޭސްމިން ގިނައިން ބޭނުން ކުރެއެވެ. އެހެން އެކަން ކުރަނީ ނިންދަވާލަން ދޭ ގުދުރަތީ ފަރުވާއަކަށް ވާތީއެވެ.

ޖަރުމަނުގެ ބޮޗަމްގެ ރޫރް ޔުނިވާސިޓީގެ ދިރާސާވެރިންނަށް އެންމެ ފައިދާހުރި ވައްތަރުކަމަށް ހޮވާފައި ވަނީ ޖޭސްމިނެވެ. ސަބަބަކީ އެރޯމާތެރަޕީގެ އެކިވަސްތައް ބޭނުންކޮށްގެން ހެދި ދިރާސާ ދައްކާ ގޮތުގައި، ޖޭސްމިންގެވަސް ހިމެނުނީ އެންމެ ފަސޭހައިން އަދި އެންމެ އަވަހަށް ސިކުނޑި ހަމަޖައްސައި، ނިންދަވާލާ ވަސްކަމުގައެވެ.

ޖޭސްމިން ގަސް ގެންގުޅުމުގައި ސަމާލުވާން ޖެހޭ މުހިންމު ކަންތައް:

ޖޭސްމިން ގަހަކީ އަވި ލިބުމަށް އެދޭ ގަހެކެވެ. އެހެންކަމަށް ވުމުން ކޮޓަރީގެ ކުޑަދޮރެއް މަތީ ބެހެއްޓުން ވަރަށްވެސް ރަނގަޅެވެ. މިއީ ވަރަށް ގިނައިން ފެން ބޭނުންވާ ގަހަކަށް ވާތީ، ޖޭސްމިން މާ އަޅާ މޫސުމުގައި ގަހަށް ވަރަށް ބޮޑަށް ސަމާލުވެ، ފެން ދިނުމުގައިވެސް މަޑުމަޑުން ފެންފޮދު ވިއްސަމުން ފެން ދިނުމަށް ހާއްސަ ސަމާލުކަމެއް ބެހެއްޓުން ވަރަށްވެސް މުހިންމެވެ.

އާންމު ގޮތެއްގައި ޖޭސްމިން މާތައް މާ ފޮޅި، މީރުވަސް ދުވާ މީރުވަހެއް އުފެދެނީ ހަމައެކަނި ރޭގަނޑުގައެވެ. އެހެންކަމުން ރޭގަނޑުގެ ނިދުމަށް ޖޭސްމިނުން ގެނެސްދޭ ހަމަޖެހުމާއި އަރާމު ކިތަންމެހާވެސް ރަނގަޅަށް ހާމަވެއެވެ.

(ނުނިމޭ)