ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕު އުފައްދައި، ލީޑަރަކަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިންތިހާބުކޮށްފިއެވެ.

ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރުކަމުގެ މަގާމަށް ހުޅުވާލީ އިއްޔެ ހަވީރު 16:00އާއި ހަމައަށެވެ. އަދި ޑިމޮކްރެޓްސްގެ ޕީޖީ ގުރޫޕު އެކުލަވާލުމަށް މިއަދު ވަނީ ފަސް މަގާމަކަށް މެންބަރުން ހޮވުމަށް އިންތިހާބެއް ބާއްވައިފައިވާއިރު ވޯޓުލުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 10:00އިން 11:00އަށެވެ.

މީގެ އިތުރުން އާޒިމަކީ އެމްޑީޕީގެ ޕީޖީ ލީޑަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ޑިމޮކްރެޓްސްގެ ޕީޖީ ގުރޫޕުގެ ނައިބު ލީޑަރުންނަށް ހޮވިފައިވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދާއި ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރެވެ.

އަދި ޕީޖީގެ ގްރޫޕުގެ އަމީންއާންމުގެ ގޮތުގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އަދި ވިޕުގެ މަގާމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވަނީ ހޮވާފައެވެ.

ޑިމޮކްރެޓްސްއިން މިއަދު ބޭއްވި އިންތިހާބުގައިވަނީ 11 މެންބަރަކު ވޯޓު ދެއްވާފައެވެ. އޭގެ ތެރެއިން ޕާޓީ ބަދަލުވިކަން މަޖިލީހަށް މިހާތަނަށް އަންގާފައިވަނީ އެންމެ ތިން މެންބަރުންނެވެ.

އެ ޕާޓީގެ ހުރިހާ މެންބަރުން މަޖިލީހަށް ސިޓީ ފޮނުއްވައި ދަފްތަރަށް އަރާ ހިސާބުން ޑިމޮކްރެޓްސް ވާނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށެވެ.

ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ގޮތުގައި މަޖިލީހުގައި 3 މެމްބަރުން ތިއްބެވި ކަމަށް ދެއްކި ނަމަވެސް އެ ޢަދަދު އެއަށްވުރެ އިތުރުވާނެއެވެ. އެޕާޓިގެ ގިނަ މެންބަރުން ތިބީ މިނިވަން މެންބަރުންގެ ގޮތުގައިކަމަށް މަޖިލިސް ވެބްސައިޓުން ދައްކައެވެ.