އިނގިރޭސި ޗެމްޕިއަންޝިޕް (ދެވަނަ ޑިވިޝަން) ގެ ޑާބީ ކައުންޓީގެ ދާއިމީ ކޯޗަކަށް މެންޗެސްޓަރ ޔުނައިޓެޑާއި އިންގްލެންޑް ގައުމީ ޓީމުގެ ކުރީގެ ތަރި ވޭން ރޫނީ 23-2022 ސީޒަނުގެ ނިޔަލަށް މިއަދު ހަމަޖައްސައިފިއެވެ.

ޑާބީ ކައުންޓީގެ ދާއިމީ ކޯޗްކަމުގެ މަގާމް ރޫނީއާ ހަވާލް ކޮށްފައި މިވަނީ އެޓީމުގެ ވަގުތީ ކޯޗުގެ ގޮތުގައި ހުރެ ހޯދި ނަތީޖާތައް ރަނގަޅުވުމުންނެވެ. ރޫނީގެ އިރުޝާދުގެ ދަށުން ޑާބީ ކައުންޓީ ކުޅުނު 9 މެޗުގެ ތެރެއިން 3 މެޗް ކާމިޔާބުކޮށް 5 ވަނީ އެއްވަރު ކޮށްފައެވެ. މޮޅުވި މެޗުގެ ތެރޭގައި ކުރިން ޕްރިމިއަރ ލީގުގައި ވާދަކުރި ސްވަންސީ ސިޓީ 2-0 އިން ބަލި ކުރި މެޗާއި ބާމިންހަމް ސިޓީގެ މައްޗަށް 4-0 އިން ކުރި ހޯދި މެޗް ފާހަގަ ކޮށްލެވެއެވެ.

"ރޫނީގެ އިރުޝާދުގެ ދަށުން ކުޅުނު ނުވަ މެޗުގައި ޓީމުން ވަނީ ކުރިއެރުންތަކެއް ހޯދާފައި. ބައިކޮޅަށް ލަނޑެއް ވަނަނުދީ ފަސްމެޗް ހަމަކޮށް ޑިފެންސްލައިނުން ވަނީ ކުރިއެރުން ދައްކުވައިދީފައި. ޓީމުގެ އެޓޭކިންގ ތާޑްވެސް މިހާރު ފެންނަނީ ކުރިއަށްވުރެ އިފެކްޓިވްކޮށް. ރޫނީގެ އިރުޝާދުގެ ދަށުން މިވަނީ ރަނގަޅު ފައުންޑޭޝަނެއް އެޅިފައި. ސީޒަނުގެ ދެވަނަ ހާފުގައި ރޫނީއާއެކު ރަނގަޅު މިސްރާބަކަށް ޓީމަށް ދަތުރު ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް" ޑާބީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޑާބީގެ ކޯޗްކަމާ ހަވާލުވުމަށްފަހު ރޫނީ ބުނީ ޑާބީގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވި ފުރަތަމަ ދުވަހުވެސް ފެނުނީ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް އެޓީމުގައި ތިބި މަންޒަރު ކަމަށެވެ. "ފުރަތަމަ ދުވަހުވެސް އަހަންނަށް އިހްސާސް ކުރެވުނު މިޓީމުގައި ހުނަރުވެރި ކުޅުންތެރިންތަކެއްކަމަށް ތިބީ. އަނެއްކޮޅުން ޓީމުގެ ފަހަތުގައި ތިބި ވަފާތެރި ސަޕޯޓަރުންނާއެކު ކާމިޔާބީއަށް ވާސިލް ވެވެވޭނެކަމުގެ އިހްސާސް ކުރެވޭ" ރޫނީ ބުންޏެވެ.

ސައުވީސް ޓީމު ވާދަކުރާ އިނގިރޭސި ޗެމްޕިއަންޝިޕުގައި ޑާބީ ކައުންޓީ މިވަގުތު އޮތީ 19 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 22 ވަނައިގައެވެ. އެއްވަނައިގައި 47 ޕޮއިންޓާއެކު ނޯވިޗް ސިޓީ އޮތްއިރު ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ސްވަންސީއެވެ.