ބެލަރޫސްގެ ރައީސް އެލެގްޒެންޑަރ ލުކަޝެންކޯ ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ރަޝިޔާއަށް ވަޑައިގަންނަވައިފި ކަމަށް ރަޝިޔާގެ ދައުލަތުގެ މީޑިޔާ "ޓާސް" އިން ބުނެފިއެވެ.

ޓާސްއިން ބުނެފައި ވަނީ ރައީސް ލުކަޝެންކޯ މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައި ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާއެވެ. މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު ދާއިރާތަކަކީ އިގްތިސާދީ އުފެއްދުންތެރި ސިނާއަތްތަކާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން އިމްޕޯޓް އެކްސްޕޯޓުގެ ދާއިރާއިންނެވެ. އަދި ސަރަހައްދީ ހަމަޖެހުމާއި ޔޫކްރައިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުން އަންނަ ހަނގުރާމައާ ގުޅޭ ގޮތުންނެވެ.

ބެލާރުސްއަކީ ޔޫކްރައިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުން އަންނަ ހަނގުރާމައިގައި ރަޝިޔާއަށް އެންމެފާޅުކަން ބޮޑު ގޮތެއްގައި ވާގިވެރިވަމުން އަންނަ ގައުމެވެ. ޔޫކްރައިނަށް ހަމަލާ ދިނުމުގައި ރަޝިޔާއިން ދަނީ ބެލާރުސްގެ އިމާއި ވައިގެ ސަރަހައްދު ބޭނުން ކުރަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލޫކަޝެންކޯ އާއި ޕޫޓިން އެންމެ ފަހުން ސެއިންޓް ޕީޓާސްބާގުގައި މަޝްވަރާ ކުރެއްވީ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ. އިގްތިސާދީ އެއްބާރުލުމުގެ އިތުރުން ރައީސުން ވަނީ ޔޫކްރޭންގައި ރަޝިޔާގެ ހާއްސަ އަސްކަރީ އޮޕަރޭޝަންގެ ކުރިއެރުމާއި ޕޮލެންޑްގައި ނޭޓޯގެ ހަރަކާތްތައް އިތުރުވުން ފަދަ އެތައް މައްސަލަތަކަކާ ގުޅޭ ގޮތުން މީގެ ކުރިން މަޝްވަރާ ކުރައްވާފައެވެ.