މާލެ ސަރަހައްދުގައި ޖާގަ ތަނަވަސް ތެލަސީމިއާ ސެންޓަރެއް ހަދައިދެއްވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ އދ. މަހިބަދުއަށް މިރޭ ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައެވެ.

ތެލަސީމިއާ ސެންޓަރުގެ ހިދުމަތް އެތައް މީހުންނެއް ހިފަމުންދިޔަ ނަމަވެސް، އެ ސެންޓަރަށް ވަނުމުން އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭ ކަމަށް ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ޖާގަ ބޮޑު ތެލަސީމިއާ ސެންޓަރެއް މާލޭ ސަރަހައްދުގައި ގާއިމުކޮށްދެއްވާނެ ކަމަށެވެ.

މި ސަރުކާރުން ތެލެސީމިއާ ކުދިންނާއި މީހުންނަށް އިހުމާލުވެފައިވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ވަސީލަތްތަކާއެކު އާ ތެލަސީމިއާ ސެންޓަރެއް ހަދައިދެއްވާނެ ކަމަށެވެ. އަދި ހިލޭ ބޯންމެރޯ ހެދޭ ގޮތް ހަމަޖައްސައިދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ 4،000 އަށްވުރެ ގިނަ ކުދިން އުޅޭ ކަމަށާއި އޭނާގެ ވެރިކަމެއްގައި އެ ކުދިންނަށް ދެކޮޅު ޖެހޭނެ އެލަވެންސެއް ދޭނެ ކަމަށެވެ.

ހަމައެހެންމެ އެންމެ ޒަމާނީ ޑައިލިސިސް ސެންޓަރެއް މާލެއާއި މެދުރާއްޖެތެރެއާއި އުތުރުގައި ގާއިމުކުރައްވާނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރާތާ ދިހަ އަހަރުވުމުން، ގެދޮރު ބިނާކުރުމަށާއި އަމިއްލަ ވިޔަފާރިއެއް ފެށުމަށާއި ދަރީންގެ ކިޔެވުމަށް އެ ފަންޑުން ފައިސާ ނެގޭނެ ގޮތް ހެދުމަށް ގާނޫނު ބަދަލުކުރަން ހުށަހަޅުއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.