ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ކަށަވަރު ކޮށްދެވިފައި ވަނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސާލިހު މިހެން ވިދާޅުވީ މިއަހަރުގެ ބައިނަލްއަގުވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ހިތާބުގައި ވާހަކަ ދައްކަވަމުންނެވެ.
މިއަދު ފާހަގަ ކުރަމުން މިދާ ޑިމޮކްރަސީ ދުވަހުގެ މުނާސަބާގައި، ރައީސް ސާލިހު ވިދާޅުވެފައި ވަނީ ހަގީގީ ޑިމޮކްރެސީއަކީ މަސްއޫލިއްޔަތުތަކަކާ އެކުގައި ލިބިގެންދާ ޒިންމާދާރުވާންޖެހޭ މިނިވަންކަމެއް ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އެންމެ ފުޅާ ދާއިރާއެއްގައި ލިބިދެވުނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ.
ރައީސް ވިދާޅުވީ، އިގުތިސާދީ ފުދުންތެރިކަމާއެކު ލިބޭ ކުރިއެރުމުގައި، އުފާވެރިކަމާއެކު ރައްޔިތުން ދިރިއުޅޭ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑިއަކީ ޒަމާނީ ޑިމޮކްރެސީއެއް ކަމަށެވެ. ރައްޔިތުންނަށް އެ އުފާވެރިކަން ލިއްބައިދެނީ، ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަކުގައި، ރައްޔިތުންނަށް ލިބިދޭ ހަމަހަމަ ފުރުސަތުތަކާއި ހަމަހަމަ ހައްގުތަކުން ކަމަށާއި ރާއްޖޭގެ ގާނޫނުއަސާސީގައި އެ އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ތަންފީޒުކުރަން ފެށި ފަހުން، ގައުމަށާއި ރައްޔިތުންނަށް ލިބުނު މަންފާ ބޮޑު ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ވަރަށް ގިނަ ބައެއްގެ ހިތްވަރާ މަތިވެރި ގުރުބާނީގެ ހިއްސާބޮޑުކަން ރައީސް ސާލިހު ފާހަގަކުރެއްވިއެވެ. އެގޮތުން ރައްޔިތުން އެދޭ ގޮތަށް ގައުމުގެ ކަންކަން ނިންމުމުގައި ބަސް ބުނެ ގޮތް ކަނޑައެޅުމުގެ ބާރު ރައްޔިތުންނަށް މިއަދު ލިބިފައިވަނީ، މުޅި ގައުމުގެ ހެވާއި ލާބަޔަށްޓަކައި ދިވެހިންގެ ތެރެއިން ތެދުވި ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތުން ކަމަށް ވިދާޅުވެ ރައީސް ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.
ޑިމޮކްރެސީގެ އެންމެ އަސާސީ ރުކުން ކަމުގައިވާ ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި 2008 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އެންމެ ފުޅާ ދާއިރާއެއްގައި ލިބިދެވުނީ މިދިޔަ ފަސް އަހަރުގެ ތެރޭގައިކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ، ނޫސްވެރިކަން ކުރުމުގެ މިނިވަން މާހައުލެއް ރާއްޖޭގައި ގާއިމުކޮށްދެވިފައި އޮތުމަކީ މިގައުމުގެ ޑިމޮކްރެސީ އިތުރަށް ހަރުދަނާ ވެގެން ދިޔަ ކަމެެއްކަމަށް ވީ ނަމަވެސް، ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ ހައްގުގެ ބޭނުން ހިފާ އިރު ގަބޫލުކުރަންޖެހޭ ހަގީގަތަކީ، އެއީ ޒިންމާތަކަކާއި ވާޖިބުތަކަކާ އެކުގައި ލިބިގެންވާ ހައްގުތަކެއް ކަމަށެވެ.