ލީބިޔާގެ އިރުމަތިން މެޑިޓްރޭނިއަމް ކަނޑުގެ އައްސޭރީގައި އޮންނަ ތާރިހީ އަވަށެއް ކަމަށްވާ "ޑާނާ" އަށް އެރި ތޫފާނުގައި ފެންބޮޑުވެ ކުރިމަތިވި ކާރިސާގައި މިހާތަނަށް 11،300 މީހުން މަރުވެފައިވާ ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރޮސް އެންޑް ރެޑް ކްރެސެންޓުން ހާމަ ކޮށްފިއެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރޮސް އެންޑް ރެޑް ކްރެސެންޓުން ލީބިޔާއަށް ކަނޑައަޅުއްވާފައިވާ ހުންނަންވާ ސެކްރެޓަރީ ޖެނެރަލް މާރީ އެލް ދްރޭސީ އޭއެފްޕީއަށް ވިދާޅުވީ އެގާރަހާހަށްވުރެ ގިނަ މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާއިރު، 10،000 އާއި 20،000 ދެމެދުގެ އަދަދެއްގެ މީހުން ގެއްލިފައިވާ ކަމަށެވެ.

ލައްކައެއްހައި މީހުން ދިރިއުޅޭ ޑާނާ އަވަށުގައި އާދަޔާ ޚިލާފަށް ފެންބޮޑުވީ، ތޫފާނުގައި ބޯކޮށް ވާރޭވެހި، އެސަރަހައްދުގައި އޮންނަ ދެކޯރެއްގައި ފެންބޮޑުވެ އަވަށު ތެރެއަށް ފެންގަނޑު ބަންޑުންވުމުންނެވެ.

މިހާދިސާގައި ސަލާމަތްވި ބައެއް މީހުން ލީބިޔާގެ ބައެއް މީޑިޔާތަކަށް ކިޔައިދިން ގޮތުގައި އަވަށު ތެރޭގައި ފެންގަނޑު އާދަޔާ ޚިލާފަށް ބޮޑުވީ ކުއްލިއަކަށެވެ.

"އަޅުގަނޑުމެންނަށް ސަލާމަތްވާކަށް މާގިނަ ވަގުތެއް ނުލިބޭ. ކުއްލިއަކަށް ފެންގަނޑު ބޮޑުވެ ހަތަރުވަނަ ފްލޯއާ ހިސާބަށް އަހަރެމެން ހިއްލާލި. އޭރުވެސް އީވޭ މީހުންގެ ރުއިމާ ހަޅޭކުގެ އަޑު. އަދި ކާރުތަކާއި އެހެނިހެން ވެހިކަލްތައް ފެންގަނޑާއެކު އޮޔާ ގެންދާ މަންޒަރުވެސް ފެނުނު. ބެލެވޭ ގޮތުގައި ފެންގަނޑު ބޮޑުވެ މިހުރިހާ ކަމެއް ހިނގުމަށް ނެގީ ގަޑިއެއް ނުވަތަ ދޮޅުގަޑިއިރު. އެކަމަކު އަހަރެމެންނަށް އެއީ އެއްއަހަރު" މިކާރިސާއިން ސަލާމަތްވި މީހަކާ ހަވާލާދީ އަލްޖަޒީރާއިން ބުންޏެވެ.