ކޮވިޑް-19 ގެ ފޭކް ވެކްސިން ނައިޖީރިއާގައި ގެންގުޅެ، މީހުންނަށް ޖަހަމުންގެންދާތީ، އެފަދަ ވެކްސިން ބޭނުން ނުކުރުމަށް ނައިޖީރިއާ ސަރުކާރުން އިންޒާރު ކޮށްފިއެވެ.

ކޮވިޑް ވެކްސިންގެ 10 މިލިއަން ޑޯޒްގެ ފުރަތަމަ ޝިޕްމަންޓް ނައިޖީރިއަށް ގެނައުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާޗްމަހުގެ ތެރޭގައެވެ.

ނައިޖީރިއާގެ ނޭޝަނަލް އޭޖެންސީ ފޮރ ފުޑް ޑްރަގް އެޑްމިނިސްޓްރޭޝަން ކޮންޓްރޯލްގެ ޑިރެކްޓަރ ޖެނެރަލް މޮޖިސޮލާ އަޑެޔޭޔޭ ވިދާޅުވީ، ނައިޖީރިއާގައި ފޭކް ވެކްސިން ގެންގުޅޭކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށެވެ. އަދި އާންމުން އެކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށްވެސް އޭނާ އެދިވަޑައި ގެންފައި ވެއެވެ.

ނައިޖީރިއާގައި އެއްވެސް ބާވަތެއްގެ ކޮވިޑް ވެކްސިނެއް ބޭނުންކުމުގެ ހުއްދަ ނޭޝަނަލް އޭޖެންސީ ފޮރ ފުޑް ޑްރަގް އެޑްމިނިސްޓްރޭޝަން ކޮންޓްރޯލުން ދީފައި ނުވާނޭ ކަމަށާއި، ފޭކް ވެކްސިން ބޭނުން ކުރުމަކީ ނުރައްކާތެރި ބަލިތަކެއްޖެހި، އަދި ފުރާނައަށްވެސް ނުރައްކާ ވެދާނެ ކަމެއް ކަމަށް ޑިރެކްޓަރ ޖެނެރަލް މޮޖިސޮލާ އަޑެޔޭޔޭ ވިދާޅުވިއެވެ.

ނައިޖީރިއާ ސަރުކާރުންވަނީ 100 މިލިއަން ޑޯޒެއްގެ ކޮވިޑް ވެކްސިން ގަތުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ފައިޒަރ އެންޑް ބަޔޯއެންޓެކްގެ ވެކްސިންވެސް ހިމެނެއެވެ.

ނަމަވެސް، މާޗްމަހުގެ ތެރޭގައި ގެންނަ 10 މިލިއަން ޑޯޒްގެ ވެކްސިނަކީ ކޮން ކުންފުންޏެއްގެ ވެކްސިނެއް ކަމެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

ނައިޖީރިއާ ސަރުކާރުން ބުނެފައިވަނީ، މި ފެށުނު 2021 ވަނަ އަހަރު އެގައުމުގެ އާބާދީގެ %40 އަށް މިއަހަރުގެ ތެރޭގައި ކޮވިޑް ވެކްސިން ދިނުމަށް އުންމީދުކުރާ ކަމަށެވެ.