ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާތަން ބަދަލު ކުރުމަށްޓަކައި، އިއްޔެ އެކަނިވެސް ސޯޅަހާސް މީހުން ރީ-ރެޖިސްޓްރީ ވާން ފޯމު ހުށަހެޅިކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

އީސީގެ ނައިބު ރައީސް މިއަދު ވިދާޅުވީ އިއްޔެ އެކަނި ސޯޅަހާސް ފޯމު ހުށަހަޅާފައިވާއިރު އޭގެތެރެއިން ހަތް ހާހަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވަނީ އޮންލައިންކޮށްކަމަށެެވެ. އަދި އަނެއް ނުވަ ހާހަށްވެރު ގިނަ ފޯމު އެއީ އީސީއަށް ހުށަހަޅާފައިވާ ފޯމު ކަމަށެވެ.

ދެވަނަ ބުރުގައި އެހެންތާކަށް ރީރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އިއްޔެ މެންދުރުފަހު 3:00 އިން ފެށިގެން މާދަމާ ހަވީރު 4:00 އަށެވެ.

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި ސިޓީ ކައުންސިލްތަކުގެ އަވަށްތަކުގެ އޮފީސްތަކުން ކަމަށާއި މާލޭގައިނަމަ، އިންތިހާބާ ބެހޭ މައި މަރުކަޒު (ދަރުބާރުގެ) އިން ކަމަށް އިީސީ އިން ވަނީ ހާމަކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރީ-ރަޖިސްޓްރީވުމަށް އެދޭ ފޯމު އެކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށެވެ.