ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމައިފިއެވެ.
ޖޭޕީން މިގޮތަށް ނިންމާފައިވަނީ މިއަދު މެންދުރުފަހު ކުނޫޒުގައި ބޭއްވި އެޕާޓީގެ 160 ވަނަ ކައުންސިލް ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީން ކުރިއަށްދާނެ ގޮތަކަމާ މެދު ކުރި މަޝްވަރާއަށް ފަހުއެވެ. ދެވަނަ ބުރުގައި ކޯލިޝަން ހެދުމާއި ނުހެދުމަށް ނިންމުމުގެ ބާރު ކައުންސިލުން ދީފައިވަނީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށެވެ.
ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީގެ އިސް ބޭފުޅުން ދެއްކެވި ވާހަކަތަކަކީ ހަގީގީ ވާހަކަތައް ކަމަށާއި ޑޮކިއުމަންޓްތަކާއި އެހެން ކަމުން ކަމުން ވެސް ކެމްޕެއިންގައި ދެއްކެވި ވާހަތަކަކީ ހަގީގަތެއް ކަމަށް އެނގި ހާމަވާން އެބައޮތް ކަމުގައެވެ.
ޖޭޕީގެ ނިންމުން އިއުލާން ކުރައްވަމުން ގާސިމް ވިދާޅުވީ އެވާހަކަތަކާއި އެޑޮކިއުމެންޓުތަކުން ޖޭޕީން، ކެމްޕެއިނުގައި ދެއްކި ވާހަކަތަކަކީ ތެދުކަން ހާމަވެ އެނގެން އޮތުމުން، ނިންމީ އެއްވެސް ކޮޅަކަށް ނުޖެހި ހިމޭނުން ތިއްބެވުމަށާއި އަދި އެހިމޭންކަން މަތީގައި ތިއްބަވައިގެން ޖުމްހޫރީ ޕާޓީ ކުރިއަރުވަން މަސައްކަތް ކުރެއްވުމަށް ކަމަށެވެ.
ގާސިމް ވަނީ ކައުންސިލް ބައްދަލުވުމުގެ ކުރިން ޕީޕީއެމާއި އެމްޑީޕީއާ އެކު ކޯލިޝަން މަޝްވަރާތައް ކުރައްވައިފައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުހައްމަދު ސާލިހު ވަނީ މިދިޔަ ބުދަ ދުވަހު ސަން އައިލެންޑަށް ވަޑައިގެންފައެވެ. ރައީސް ސާލިހު، ކޯލިޝަން މަޝްވަރާއަށް ގާސިމްގެ އަރިހުގައި ދެ ދުވަސް ހޭދަ ކުރެއްވުމަށް ފަހު މާލެ ވަޑައިގަތީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.
ގާސިމް ވަނީ ދެވަނަ ބުރުގައި ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުންނާ މިދިޔަ އަންގާރަ ދުވަހު ބައްދަލުކުރައްވައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.
ޖޭޕީން އެއްވެސް ބަޔަކާ އެކު ކޯލިޝަން ނުހެދުމަށް ނިންމާފައިވާ އިރު، އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރު ވަނީ އެއްވެސް ބަޔަކާއެކު ކޯލިޝަން ނުހައްދަވާނެ ކަމަށް ވިދާޅުވެފައެވެ.