ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ހިންދޫނަށް ވަޢުދުވި ގޮތަށް، މަޝްހޫރު ބާބްރީ މިސްކިތް ހުރި ތަނުގައި ފައްޅިއެއް އަޅައި އެތަން މިއަންނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތައްޔާރުވެ ވަޑައިގަންނަވަން ފައްޓަވައިފިއެވެ.
އުއްތަރަ ޕްރަދޭޝްގެ އަޔޯދިޔާގައި 1529 ވަނަ އަހަރު ބިނާކޮށް ނިންމި ބާބްރީ މިސްކިތް ހިންދޫ ހަރުކަށި ފިކުރުގެ މީހުން ނިކުމެ ތަޅާލީ 1992 ވަނަ އެވެ. ހިންދޫން ބާބްރީ މިސްކިތް ތަޅާލި މައްސަލާގައި ހިނގި ހަމަނުޖެހުންތަކުގައި އިންޑިޔާގެ އެކިކަންކޮޅުތަކުން 2،000 އަށްވުރެ ގިނަ މީހުން އެދުވަސްވަރު މަރުވިއެވެ. އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ.
ބާބްރީ މިސްކިތް ތަޅާލީ، އިންޑިޔާގައި މިހާރު ވެރިކަން ކުރަމުން އަންނަ ބީޖޭޕީ އާއި ބައެއް އެހެން ޕާޓީތަކުން ގުޅިގެން ބޭއްވި ރެލީއެއްގައެވެ. މިރެލީގައި 150،000 އެއްހައި ބީޖޭޕީ ސަޕޯޓަރުން ބައިވެރިއެވެ.
އެއަށްފަހު މިސްކިތް ހުރި ބިމުގެ މައްސަލައަށް ގޮތެއް ނުނިމި ދިގުލައިގެން ގޮސްފައި ވަނިކޮށް އިންޑިޔާގެ ސްޕްރީމް ކޯޓުން 2019 ވަނަ އަހަރު ހުކުމް ކުރީ އިންޑިޔާ ސަރުކާރަށް ބިން ނަގަން ޖެހޭ ކަމަށާއި އަދި އެތަނުގައި ހިންދޫންގެ ފައްޅިއެއް އެޅުމަށް އިންޑިޔާ ސަރުކާރުގެ މައްޗަށް ހުކުމް ކުރިއެވެ. އަދި ބަދަލުގެ ގޮތުގައި އަޔޯދިޔާގެ އެހެން ސަރަހައްދަކުން 2 ހެކްޓަރުގެ ބިމެއް މިސްކިތެއް އެޅުމަށް މުސްލިމުންނަށް ދިނުމަށްވެސް ހުކުމް ކުރިއެވެ.
ހިންދޫން ގަބޫލް ކުރާ ގޮތުގައި ބާބްރީ މިސްކިތް މުސްލިމުން ބިނާކުރުމުގެ ކުރިން އެތަނުގައި ހުރީ ހިންދޫންގެ ފައްޅިއެކެވެ. އަދި ހިންދޫން ދައުވާ ކުރާ ގޮތުގައި، އެމީހުން އަޅުކަން ކުރަމުން އަންނަ ބާތިލް "ރަމަ ކަލާންގެ" އުފަންވީ ބާބްރީ މިސްކިތް ހުރި ތަނަށެވެ. އެކަމަކު މުސްލިމުންގެ ފަރާތުން ބާބްރީ މިސްކިތް ހުރި ބިން މުސްލިމުންނަށް ހޯދުމަށް ދައުވާ ކުރި ފަރާތްތަކުން މިކަމަށް ދެކޮޅު ހަދައެވެ.
ބޮޑުވަޒީރު މޯދީގެ ސަރުކާރުން ވަނީ އުއްތަރަ ޕްރަދޭޝް އާއި އެހެނިހެން ސިޓީތައް ހިމެނޭ ގޮތަށް މަގުހެދުމުގެ ނަމުގައި، މުސްލިމުން މީގެ އެތައް އަހަރެން ކުރިން ބިނާ ކޮށްފައިވާ ގިނައަދަދެއްގެ މިސްކިތްތައް ބިމާ ހަމަކޮށްފައެވެ.