މިމަހުގެ ތިރީސް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނަކަށް ވޯޓުލުމަށް، ރީ-ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ ފުރުސަތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީވުމަށް އީސީން ދިން ތިން ދުވަހުގެ މުއްދަތު މިވަނީ މިއަދު ހަވީރު 4:00 އަށް ހަމަވެފައެވެ. އެއީ މިދިޔަ ހުކުރު ދުވަހު ހަވީރު 03:00 އިން މިއަދު ހަވީރު 04:00އާއި ހަމައަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ، މިފަހަރު ރީ-ރަޖިސްޓްރީކުރުމަށް ހުޅުވާލި ފުރަތަމަ ދުވަހު އެކަނިވެސް 9206 މީހުން ފޯމް ހުށައަޅާފައިވާކަމަށެވެ. އަދި އޮންލައިންކޮށް ފުރަތަމަ ދުވަހު 7267 މީހުން ފޯމް ހުށައަޅާފައިވާކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
ދެވަނަ ދުވަހު 16287 މީހުން ރީ-ރަޖިސްޓްރީކުރުމަށް ފޯމް ހުށައަޅާފައިވާއިރު، އޮންލައިންކޮށް އެކަނިވެސް 11082 ފޯމް ހުށައަޅާފައިވާ ކަމަށް ހަބީބު ވަނީ ވިދާޅުވެފައެވެ.
ރީރަޖިސްޓްރީއަސް ފޯމު ހުށަހެޅި މީހުންގެ ތެރެއިން، 10271 މީހުން މިހާޓަނަށް ރީ-ރަޖިސްޓަރީ ކޮށްދީފައިވާކަމަށާއި، އެކިއެކި ސަބަބުތަކާ ހުރެ، މިހާތަނަށް 1546 ފޯމު ރިޖެކްޓްކޮށްފައިވާ ކަމަށް ހަބީބު ވިދާޅުވިއެެވެ. ފޯމުތައް ރިޖެކްޓް ވަނީ، ހުށަހަޅަން ޖެހޭ ހުރިހާ މައުލޫމާތު ފުރިހަމަ ނުވާތީ ކަމަށްވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.
އިލެކްޝަނަށް އޮންލައިންކޮށް ހުށަހަޅާފައިވާ ފޯމުތަކުން، ނުނިމި ހުރި ކަމަށް ދައްކަނީ، އެ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ މުޅިން ނުނިމޭތީ ކަމަށާއި، ފޯމުތަކުގެ ސައްހަކަން ކަށަވަރުވިހާ އަވަހަކަށް، ރީ-ރަޖިސްޓަރީ ކުރެވުނުކަމުގެ މެސެޖް ލިބޭނެކަމަށް ހަބީބު ވަނީ ވިދާޅުވެފައެވެ.
ހަބީބު ވިދާޅުވީ، މިއަދުގެ ހަވީރު 4:00 ގެ ކުރިން، ރީ-ރަޖިސްޓަރީ ކުރަން ހުށަނާޅައިފިނަމަ، އެކަމަށް އިތުރު ފުރުސަތެއް ނުލިބޭނެ ކަމަށެވެ.