ރަބީއުލް އައްވަލު މަހުގެ 1، އިއްޔެއަކީ ރާއްޖޭގެ ގައުމީ ދުވަހެވެ. ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަނިޔާވެރި ވަކިތަކުން ސަލާމަތްވެ، އަޅުވެތިކަމުގެ ހިތިވޭނުން މިންޖުވި ދުވަހެވެ. ގައުމީ ބަތަލުންތަކެއްގެ ހިތްވަރާއި މިންނަތުން ގައުމަށް އަމާން ކަމާއި މިނިވަންކަމުގެ ފިނިހިޔަލެއް ހޯދައިދިން ފަހުރުވެރި ހަނދާން އައުކުރާ ދުވަހަކީ މި ގައުމީ ދުވަހެވެ.

އެދުވަހުގެ ހާލަތު އަލުން އާކޮށްލަން ކަމަށް ގަލަން ހިންގާލަމެވެ. ގަދަހޫނާއި ދިލައަވިން ސަލާމަތްވެ ކަރުހިއްކައިގެން ގޮސް ދޫ ހަރަކާތް ނުކުރެވޭ ހާލުގައި ފިނިފެންފޮދަކަށް އެދި ގޮވާފަދައަކުން ރާއްޖެ އޮތީ އަޅުވެތިކަމުން ސަލާމަތްކޮށްދޭނެ ހިތްވަރުގަދަ ދިވެހި ދަރިއަކަށް އެދިއެދިއެވެ. އިސްލާމްދީނާއި ވަތަނުގެ ހައްގުގައި ގުރުބާން ވާން ކެރޭނެ ދަރިއަކަށް އިންތިޒާރުގައެވެ. އެދުވަސްވަރު ރާއްޖޭގައި ވެރިކަން ކުރަމުން ދިޔައީ "ކަނޑުގެބާޒު" ގެ ނަން ލިބިފައިވާ ޕޯޗުގީޒުންނެވެ. ދިވެހި ތަހުތުގައި އިނީ ނަން މަޝްހޫރު "އަނދިރިއަނދިރިން" ނެވެ. ހިތަށް ނިހާއީ އަސަރު ކުރުވާ، ލޮލުން ލޭކަރުނަ ހިލުވާ، ދިވެހިދަރިންނާއި ދިވެހި ގައުމާއި ދިވެހިތާރީހު ދުށް އެންމެ އަނދިރި، ހިތްދަތިކަންބޮޑު ބިރުވެރި މާޒީއެވެ.

ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ ފުރަތަމަ ދުވަހުގެ ހަމަލާގައި "އަލިރަސްގެފާނު ހަވަނަ" ޝަހީދުވެވަޑައިގަތުމަށްފަހު ދިވެހީންގެ މިނިވަންކަމާއި އިސްތިގުލާލު އޮތީ ގެއްލިފައެވެ. އިސްލާމީ ނޫރުގެ އަލިކަން ދިވެހިންގެ ހިތްތަކުން ފަނޑުކޮށްލައި ފޮހެލުމަށް އައިރު މުސްލިމުން ކުރަމުންދާ މަސައްކަތްތައް އެއްދުވަހުން އަނެއް ދުވަހަށް ގެންދިޔައީ، އެކި ބާވަތްތަކާއި އެކި ގޮތްގޮތަށް ތަފާތު ބަދަލުތައް ގެނެސް އެބަދަލުތައް ވަރުގަދަކޮށް ގަދަފަދަކުރަމުންނެވެ.

ބަނަ ބޯވިލާތަކުން އުދަރެސް ބައްދާފައިވާއިރު އަމާން ފިނި ފަތިހެއްގެ އަލިވިލުމެއްގެ އަސަރުވެސް ނެތްކަހަލައެވެ. ކަނު އަނދިރޭރޭ، އަލިފަތިހަކުން ނިމިގެންދާނޭކަމުގެ ޒައްރެއްގެ ހިލަމެއްވެސް ނެތްފަދައެވެ. ހިތްތައް ރޮއިހޭރެމުން ދިޔައީ އެފަދަ އަލިކަމެއް އުދަަރެހުން ފާޅުވާނެ ވަގުތަކަށް އެދެމުންނެވެ.

ޅަދަރިން މައިންގެ މޭގެތެރެއަށް ބޮނޑިކޮށްގެން ކަނަކަށް ކުރުގެޅިގެން ތިބެ، ހިތިކަރުން ހިންދަމުން އުންމީދުގެ ކުޑަ ރޯޝަންކަމެއްވެސް ފެނިދާނެކަމަށް ކުރަމުން ދިޔަ ދުއާތައް، ރަހުމާންވަންތަ ރަހީމްވަންތަ ރަސްކަލާނގެ އޯގާވަންތަވެރިކަމާއެކު އިޖާބަދެއްވާނެކަމުގެ ޔަގީންކަމުގައި ހުއްޓުމެއް ނެތި ކުރަމުން ދިޔަ އުންމީދުގެ ދުއާތައް، އެކަލާނގެ އިޖާބަކުރެއްވީއެވެ. ކަނު އަނދިރިކަން ވެރިވެފައި އޮތް ޖައްވަށް އުދަރެހުގެ އެއް ކަނަކުން ފާއްދާލި ދެތިން އަލިގަދަ ތަރިއެއްގެ ގަދަ ވިދުމެވެ. މާޔޫސްވެ ގޮތްހުސްވެފައިވާ ދިވެހީންގެ މޫނުތަކުން އުފާވެރިކަމުގެ ހިނިތުންވުމެއް ފާޅުވެގެން ހިނގައްޖެއެވެ.

އުތީމުގަނޑުވަރުތެރެ

އެބައިމީހުން ޣާފިލުކަމުގެ ނިދީގައި ތިއްބެއްކަމަކު އުތީމު ކަޅު އަލީ ހަތީބު ތަކުރުފާނުގެ ހުސައިން ހަތީބު ތަކުރުފާނުގެ ތިން ދަރިކަލުން ދިވެހި ރާއްޖެ ސަލާމަތް ކުރެއްވުމުގެ މާތްވެގެންވާ މަތިވެރި ޖިހާދު ފަށްޓަވައިފިއެވެ. އިސްކޮށް ހުންނެވީ މުހައްމަދު ތަކުރުފާނެވެ. އެންމެ ދޮށީ ބޭބެ އަލީ ތަކުރުފާނުގެ މަޝްވަރާ ލިބިވަޑައިގެން ހުންނަވައި، އެންމެ ހަގު ކޮއްކޮ ހަސަން ތަކުރުފާނުގެ ނިހާއީ އިހުލާސްތެރިކަމާއި ގަދަފަދަ ހިތްވަރުފުޅާއެކުގައި ބިސްމީގެ ބަރަކާތުން، ﷲއަކްބަރުގެ ތަކުބީރުގެ އަޑާއެކު މިމަތިވެރި ޖިހާދު ކުރައްވަމުން ގެންދެވީ ދުނިޔޭގެ ހުރިހާ އުފަލަކާއި އަރާމެއް ހަނދާން ނައްތާލާފައެވެ. މި ތިން ތަކުރުފާނުންގެ ފަހަތަށް އަރައި ތިއްބެވީ ދެ ހާޖީންނާއި ދުވާފަރު ގަދަފަދަ ދަންޑެހެލުގެ ވަފާތެރި ހިދުމަތްތެރިކަމާއެކު ނިންޖަކަށް ވަރުބަލިކަމަށް އިސްކަމެއް ދެއްވުމެއް ނެތިއެެވެ.

އަނބިދަރީންނަށް ސަލާމަތްކަންމަތީ ތިބެވޭނެ ގޮތް ހަމަޖައްސަވައި ވަޒަންވެރި ކުރުވީ މަލިކުގައެވެ. އެހެންނަމަވެސް މިކަމުގެ ތެރޭގައި އަލީ ހަތީބު ތަކުރުފާނު ޝަހީދުވެވަޑައިގަތުމުގެ ހިތާމަ އުފުއްލަވަން ޖެހިވަޑައިގަތެވެ. ދެންވެސް އަދަދު އިނގިލިން ގުނާލެވޭހާ މަދު މި ލަޝްކަރުުގެ ހިތްވަރު ވީ އިތުރެވެ. އަޒުމު ވީ ހަރުދަނާއެވެ.

ރާއްޖޭގެ އެތެރެއާއި ބޭރުގެ މާސިންގާ ކަނޑުތަކުގައި، ރެއާ ދުވާލު، އަތްވާއި ވާރޭގައި ހޫނާއި ފިނީގައި ދަތުރުކުރައްވަމުން ގެންދެވީ އަދިއަދަށްދާނދެންވެސް އެ ބީހިލުމަށްޓަކައި ދިވެހިކަނޑުތައް ފަހުރުވެރިވާ "ކަޅުއޮށްފުންމި"ގައެވެ. މި ވިސްނުންފުޅާއި އިލްމާއި ހިލްމުގައި ކުޅަދާނަ ޒުވާންބަތަލުންގެ ރޭވުންތެރިކަން ހިންގަމުން ދިޔަ ގޮތަކީ، ފުރަމެންދަންތަކުގައި ރަށްރަށަށް އަރުއްވައި ކާފަރުން މަރުއްވައި، އިސްލާމްދީން ފަތުރުއްވަމުން ގެންދެވީއެވެ. ދުވާލަށް އިރު އަލިކަން ވުމުގެ ކުރިން ފަތިހުގެ ކަޅުއަނދިރީގައި ރާއްޖޭގެ އެތެރެވަރި ދޫކުރައްވައި ބޭރު ކަނޑަށް ނުކުންނަވަނީއެވެ. އަނެއް ރެއަށް އިރުއޮއްސި އަނދިރިވަންދެން ބޭރު ކަނޑުތެރޭގައި ހޭދަކުރައްވަމުން އެގެންދެވީ ކޮންފަދަ ގަދަފަދަ އީމާންތެރިކަމަކާއި ނުގުޑާ އަޒުމެއްގެ ސަބަބުންކަން ދެނެވޮޑިގެންވާނީ ހަމައެކަނި އެހިތްވަރާއި އާރާއި ބާރު ދެއްވި މާތްރަސްކަލާނގެއަށެވެ.

ކަޅުއޮށްފުންމި ގެ 3ޑީ ތަސްވީރެއް (ހުސެންނިޔާޒު)

މުހައްމަދު ތަކުރުފާނު ތުއްޕުޅުއިރުގެ ހަޔާތުގައިވެސް އާދަޔާޚިލާފު ހުނަރުވެރިކަމެއް ހާސިލު ކުރެއްވިއެވެ. ގުދުރަތީ މުތާލިއާތަކެއް ހޯއްދެވިއެވެ. އެދުވަސްވަރު އެ ތަކުރުފާނުގެ އުޅުއްވުން ހުރި ގޮތުން އުފެެދުނު ސުވާލުތަކަށް އެދުވަހު ޖަވާބެއް ނުހޯއްދެވުނު ނަމަވެސް 981 ވަނަ އަހަރުގެ ރަބީއުލް އައްވަލު މަހުގެ އެއްވަނަ ރޭ މާލެ އަރުއްވައި އޭރު ދިވެހީންގެ މައްޗަށް ބާރު ހިންގަމުން އެ ގެންދިޔަ އަނދިރިއަނދިރިންގެ މެރުއްވުމުން އެލިބިވަޑާއިގެންނެވީ އެސުވާލުތަކުގެ އެންމެ ފުރިހަމަ ޖަވާބުކަން ޔަގީނެވެ.

އެރޭ ޖެއްސެވި ބަޑީގެ އަޑާއެކު އުފުލިގެން ދިޔައީ ދިވެހި ގައުމު މިނިވަން ވެއްޖެ ކަމުގެ އުފައުވެރި އަޑެވެ. އެއީ މިގައުމު އަދު މިއޮތް ގޮތުގައި ދެމި އޮއްހާ ހިނދަކު އެއަޑު މަޑުވެގެން ނުދާނޭ ތާރީހީ އުންޑައިގެ އަޑެވެ. ގާތްގަނޑަކަށް ދިގު ފަނަރަ އަހަރާއި އަށްމަސްދުވަހު، އާދެ، ފަސްހާސް ހަސަތޭކަ އެތައް ދުވަހެއް، ދިވެހިފަސްގަނޑަށް ގަދަވެގަނެގެން، ދިވެހިންގެ ބިމުގައި ދިވެހިން ނިކަމެތިކޮށް ބިކަކޮށްގެން، ރާއްޖޭގައި ވެރިކަން ކުރި ބޭރުގެ "ދުޝްމިނުން" ރާއްޖެއިން ބޭރަށް ފައްސާލެވުނީއެވެ. އަޅުވެތިކަމުގެ ކަސްތޮޅުތައް ކަނޑައި، އަނދަގޮނޑިތައް ފުނޑުފުނޑުކޮށް، ގައިދުހާނާގެ މައިދޮރާށި ކުޑިކުޑިކޮށް ވިއްސިވިިހާލިކޮށްލީއެވެ. އަޅުވެތިކަމުގެ ދިލަހޫނުން މިންޖުވެ، މިނިވަންކަމުގެ ފިނިހިޔާވައްސަށް ދިވެހިންނަށް ވަދެވުނީއެވެ.

މިހާދިސާގެ ސަބަބުން ދިވެހިރާއްޖޭގައި ކޮންމެ އަހަރެއްގެވެސް ރަބީއުލްއައްވަލު މަހުގެ އެއްވަނަ ދުވަސް "ގައުމީ ދުވަހުގެ" ގޮތުގައި އަންނަނީ ފާހަގަ ކުރަމުންނެވެ. ދިވެހިތާރީހު ދުށް އެންމެ ވަރުގަދަ ގައުމީ ހާދިސާ، އަދި ގައުމީ ޖިހާދަށް ލިބުނު އެންމެ މަތިވެރިވެގެންވާ ކާމިޔާބީ، މީގެ އެތައް އަހަރެއް ކުރިން ރަބީއުލްއައްވަލު މަހުގެ އެއްވަނަ ދުވަހު ދިވެހިންނަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް، އެހަނދާންތައް އާކޮށް އެ ޒިކުރާ އާލާކުރުމަށް މިދުވަސް ފާހަގަ ކުރުން ހަގީގަތުގައިވެސް ވަރަށް މުހިންމުވެސްމެއެވެ.

އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުންނަށް ހައްގުވެގެން ވަނީ އެންމެ މަތިވެރި ޝުކުރާއި ތައުރީފާއި ހެޔޮ ދުއާއެވެ. އެރަދުންނާއި އެރަދުންގެ ބައިވެރިންނަށް މާތްﷲ ސުވަރުގޭގެ މަތިވެރިވެގެންވާ ދާއިމީ ނިއުމަތް ދެއްވައި އަދި އެ ހިތްވަރުގަދަ ބަތަލުންގެ މިންނަތުން ދިވެހި ގައުމަށް ލިބިފައިމިވާ މިނިވަންކަމުގެ ފަޚްރާއި ޝަރަފާއި އުފާ ތާއަބަދަށް ދިވެހިންގެ މިބިމުގައި ދަމަހައްޓަވާނދޭވެ، އާމީން!

(މައުލޫމާތު ނަގާފައި ވަނީ "އަ ހީރޯ އިން ޓައިމް" އަދި "ދިވެހިތާރީހުގެ ތެރެއިން")