ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންތަކާއި މިންތައް، ދެމެހެއްޓުމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯ އިން އިލްތިމާސް ކޮށްފިއެވެ.

ސްޓެލްކޯއިން މިފަދައިން އިލްތިމާސްކޮށްފައި ވަނީރިޔާސީ އިންތިހާބާ ގުޅިގެން ސްޓެލްކޯއާ ބެހޭގޮތުން ފަތުރަމުންދާ ހަގީގަތާ ހިލާފު ވާހަކަތަކާ ގުޅޭގޮތުން ނެރެފައިވާ ބަޔާނެއްގައެވެ.

ސްޓެލްކޯގެ މިބަޔާނުގައި ރިޔާސީ އިންތިހާބާ ގުޅުވައި ހިޔާ ޓަވަރުތަކުން ކަރަންޓު ކަނޑާލަން އުޅޭ ކަމަށް "ދިޔަރެސް" ނޫހާއި "ޗެނަލް 13" އިން ރިޕޯޓުކުރުމުން އެކަން ދޮގުކުރުމާއެކު، ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ އިންތަކާއިމިންތަކާ ހިލާފަށް އެ ކުންފުންޏާ ބެހޭ ގޮތުން ފަތުރަމުންދާ ދޮގު ވާހަކަތައް ވަނީ ސަމާލުކަމަށް ގެނެސްފައެވެ.

އެގޮތުން ސްޓެލްކޯގެ ބަޔާނުގައި ބުނީ އެ ކުންފުނިން ފޯރުކޮށްދެމުންދާ ހިދުމަތްތަކަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ އަސާސީ ހިދުމަތްތަކެއް ކަމުގައިވުމުން، އެ ހިދުމަތްތައް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް ގެންނަންޖެހޭ އަޕްގްރޭޑްތަކާއި، މެއިންޓަނެންސް ފަދަ ރޭވިގެން ކުރާ މަސައްކަތްތަކާއި ގުޅިގެން ހިދުމަތައް އެއްވެސް ކަހަލަ މެދުކެނޑުމެއް އަންނަ ނަމަ، އެ މަސައްކަތް ހިނގާނެ ވަގުތާއި، ސަރަހައްދާއި، އެ މަސައްކަތައް ހޭދަވާނެ ކަމަށް ބެލެވޭ ވަގުތާއި އެހެނިހެން މައުލޫމާތު ދުރާލާ އެ ކުންފުނިން ސޯޝަލް މީޑިއާއާއި، މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އަންގަމުން ގެންދާނެކަމަށް ވަނީ ބުނެފައެވެ. އަދި މަތީގައި ދަންނަވާފައި އެވާ ގޮތާ ހިލާފަށް މިހާތަނަށް އެކުންފުނީގެ މެނޭޖްމަންޓުން އަމަލުކޮށް، އެއްވެސް ސަހަރައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބާ ގުޅުވައިގެން "ދިޔަރެސް" ނޫހާއި، "ޗެނަލް 13" އިން ސްޓެލްކޯއާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް އަދި، ކުންފުނީގެ ތަސައްވުރު ކިލަނބުވާ ގޮތަށް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތުން ރިޔާސީ އިންތިހާބާ ގުޅުވައި، ސްޓެލްކޯއިން ހިޔާ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން އުޅޭ ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ހަބަރުތަކެއް ކަމަށް ސްޓެލްކޯގެ ބަޔާނުގައި ވަނީ ބުނެފައެވެ. އެ ހަބަރުތަކަކީ އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ހަބަރުތަކެއް ނޫން ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އެކުންފުނިން އަރުވާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

"މި ދެންނެވި ހަބަރުތަކަކީ، އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ހަބަރުތަކެއް ނޫން ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވަމެވެ. ބިނާކުރަނިވި ފާޑު ކިޔުމަށް މި ކުންފުނިން އަބަދުވެސް މަރުހަބާ ކިޔަމެވެ. އެހެން ނަމަވެސް، ފަހުރުވެރި ދިގު ތާރީހެއް އޮތް މި ކުންފުންޏާއި ކުންފުނީގެ މުވައްޒަފުން ބަދުނާމުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކާ ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ މި ކުންފުނިން ބަލައިގަންނާނެ ކަމެއް ނޫން ކަމުގައި ދަންނަވަމެވެ.".
ސްޓެލްކޯ

މީގެ އިތުރުން ސްޓެލްކޯއިން ބުނީ ބިނާކުރަނިވި ފާޑު ކިޔުމަށް އެ ކުންފުނިން އަބަދުވެސް މަރުޙަބާ ކިޔާ ކަމަށެވެ. އެހެން ނަމަވެސް، ފަހުރުވެރި ދިގު ތާރީހެއް އޮތް އެ ކުންފުންޏާއި، ކުންފުނީގެ މުވައްޒަފުން ބަދުނާމުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ އެކުންފުނިން ބަލައިގަންނާނެ ކަމެއްނޫން ކަމުގައި ވެސް ބަޔާނުގައި ހާމަކޮށްފައިވެއެވެ.

އަދިވެސް އިތުރަށް ސްޓެލްކޯއިން ނެރުނު މިބަޔާނުގައި ބުނީ، ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީއާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ނަމަވެސް، ސްޓެލްކޯއާ ގުޅޭގޮތުން ފަތުރަމުންދާ ހަގީގަތާ ހިލާފު ދޮގު ވާހަކަ ތަކަކީ، އެ އަސާސްތަކާއި ކަނޑައެޅިގެން ހިލާފަށް ފަތުރަމުންދާ ވާހަކަތައް ކަމަށެވެ.

އެކުންފުންޏާ ބެހޭ ގޮތުން ފަތުރަމުންދާ ހަގީގަތާ ހިލާފު ވާހަކަތަކާ ގުޅޭގޮތުން އެ ކުންފުނިން ނެރެފައިވާ ބަޔާނުގައި ސްޓެލްކޯއިން ވަނީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އަސާސްތަކާއި، އިންތަކާއި މިންތައް، ދެމެހެއްޓުމަށް އިލްތިމާސް ކޮށްފައެވެ.