ދަ ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީން ބަރުލަމާނީއަށް ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ސާފުކުރުމަށްޓަކައި ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާ ގުޅޭ ގަރާރަށް، މާދަމާގެ ޖަލްސާގައި ބަހުސްކުރަން ފަށްޓަވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ތިން ވަނަ ފަހަރަށް ޖަލްސާ މެދުކަނޑާލެއްވުމުގެ ކުރިންނެވެ.

މަޖިލިސް ރައީސް ވިދާޅުވެފައި ވަނީ މަޖިލީހަށް ހުށަހެޅޭ ބައެއް މައްސަލަތަކަކީ މެޖޯރީޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވާ ނަމަ އަވަހަށް މަޖިލީހަށް އެޖެންޑާ ކުރެވޭ މައްސަލަތަކަމެއް ކަމަށެވެ. އަދި ނިޒާމީ ވޯޓުގެ ގަރާރަކީ މި މަހު 13ގައި އިލްޔާސް ލަބީބު މަޖިލީހަށް ހުށަހެޅި ގަރާރެއް ނަމަވެސް، މާދަމާ އެ ގަރާރަށް ބަހުސް ކުރެވޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"އެއީ 13 ސެޕްޓެމްބަރުގައި ހުށަހަޅާފައިވާ ގަރާރެއް، އެހެން ނަމަވެސް މި ގަރާރަށް މާދަމާ ބަހުސް ކުރެވޭ ގޮތަށް މި އޮތީ ފުރުސަތު ލިބިފައި، އެއީ ހައުސް މެޖޯރިޓީ ލީޑަރާއި (އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް) އާއި މައިނޯރިޓީ ލީޑަރު (ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް) އެއްބަސްވެފައިވާތީ،"
މަޖިލިސް ރައީސް މުހައްމަދު ނަޝީދު

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭ ގަރާރުގެ ބަހުސް، މާދަމާ ކުރިއަށް ގެންދަން ނިންމާފައި މިވަނީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ އާއި މައިނޯރިޓީ ޕާޓީ ކަމަށްވާ އިދިކޮޅު ޕީޕީއެމްގެ އެއްބަސްވުމާއެކުގައެވެ.

މިމަހު 13 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހަށް އިލްޔާސް ލަބީބު ހުށަހެޅުއްވި މި ގަރާރުގައި ގޮވާލާފައި ވަނީ "ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް" އަންނަ ނޮވެމްބަރު މަހުގެ 30ގެ ކުރިން ނެގުމަށެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދުމަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރުމަށް ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް އަވަސް ކުރުމަށް ވެސް އެމްޑީޕީން އެއްބަސްވެފައިވާކަން މަޖިލިސް ރައީސް މިއަދު އިއުލާންކުރެއްވި އެވެ.

"މެޖޯރިޓީ ލީޑަރު ވަނީ މި މަސައްކަތް އަވަހަށް ކުރުމަށް އެއްބަސްވެވަޑައިގެންފައި ކަމަށް ޑިމޮކްރެޓުންގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ވިދާޅުވޭ،" ނަޝީދު ވިދާޅުވިއެވެ.

އިލްޔާސް ލަބީބުގެ އެ ގަރާރުގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ؛

  • ކޮންމެ ރިޔާސީ އިންތިހާބެއްގައި ވޯޓާ ހަމައަށް އަންނަ އިރު، ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަށް ވޯޓުލުމުގެ ބަދަލުގައި އެހެން މަގުސަދުތަކެއް ހާސިލުކުރުމަށްޓަކައި ރައްޔިތުން ވޯޓުލާން ޖެހިފައިވާކަން
  • ރައްޔިތުން ބޭނުންވާ ކަންތައްތައް ތަންފީޒުކުރުމަށްޓަކައި ރައްޔިތުންގެ ހައްގުގައި އެއްވެސް ވޯޓެއް ނުދެވޭތީ
  • މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުން ދެކޭ ގޮތް ސާފުކުރުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ހުށަހަޅާ ގަރާރެއް
  • ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކާއި ގައުމަށް ގެންނަން ޖެހޭ ތަރައްގީއާއި ދީމުގުރާތީ ނިޒާމެއްގައި މަސައްކަތް ކުރަންޖެހޭ އެންމެ އެކަށީގެންވާ ގޮތެއްގައި ސަރުކާރުތަކުން މަސައްކަތްކުރަމުން އައިސްފައިނުވާކަން

އިލްޔާސްލަބީބުގެ މިގަރާރުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުން ދެކޭގޮތް ބެލުމަށްޓަކައި 30 ނޮވެމްބަރު 2023 ގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓަކަށް އެ މައްސަލަ ހުށަހަޅައި، ރައްޔިތުން ނިންމާ ގޮތެއްގެ މަތިން ކުރިއަށްދިއުމަކީ މުޅި ރާއްޖޭގެ މުސްތަގުބަލަށް އެންމެ ފަހި އަދި އެންމެ ރަނގަޅު ގޮތްކަމަށް ފެންނާތީ އެ ގަރާރު ހުށަހަޅާ ކަމަށެވެ.

ރާއްޖޭގައި ނިޒާމު ބަދަލުކުރުމަށް އެންމެ ފަހުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނަގާފައިވަނީ 18 އޮގަސްޓް 2007 ގައި، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ. ނަމަވެސް އެ ވޯޓުން ނިންމާފައިވަނީ އޭރު އޮތް ރިޔާސީ ނިޒާމު ދެމެހެއްޓުމަށެވެ.