ގދ ފަރެސްމާތޮޑާ ދާއިރާގެ އެމްޑީޕީ ރައީސް އަދި ފަރެސްމާތޮޑާ އެއަރޕޯޓުގެ އެސިސްޓަންޓް މެނޭޖަރު ހުސައިން ރަޝީދު، ޕީޕީއެމަށް ތާއީދުކުރުމުން ވަޒީފާއިން ވަކިކޮށްފިއެވެ.

ހުސައިން ރަޝީދު ޕީޕީއެމަށް ސޮއި ކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ.

ހުސައިން ރަޝީދު ވަޒީފާއިން ވަކިކުރި ލިޔުމުގައި ބުނެފައި ވަނީ، ވަޒީފާގެ މަސްއޫލިއްޔަތު އެދެވޭ ފެންވަރުގައި އަދާ ނުކުރެވޭތީ ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށެވެ.

އިއްޔެ ހުސައިން ރަޝީދު، ޕީޕީއެމަށް ސޮއިކުރައްވާފައި ވާއިރު، ފަރެސްމާތޮޑާގެ އެމްޑީޕީއަށް ތާއީދުކުރި ގިނަ ބަޔަކު ވަނީ ޕީޕީއެމަށް ސޮއިކޮށްފައެވެ.

މި ހަފުލާގައި ޕީޕީއެމް/ޕީއެންސީ އަށް ތާއީދު ކުރާ ގިނަ ބަޔަކު ބައިވެރިވެ ސޮއި ކުރި މީހުންނަށް ވަނީ ރޭ ދޫލައިގެ މަރުހަބާއެއް ދަންނަވައިފިއެވެ. މިއަދުވެސް ބައެއް މީހުން ވަނީ ޕީޕީއެމަށް ސޮއި ކޮށްފައެވެ.

ފަރެސްމާތޮޑާ އަކީ ޕީޕީއެމް/ޕީއެންސީއަށް ވަރަށްވެސް ހާއްސަ ރަށެކެވެ. ސަބަބަކީ މިފަހަރުގެ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ރަނިންގމޭޓަކީ ފަރެސްމާތޮޑާއަށް އުފަން ބޭފުޅަކަށް ވާތީއެވެ.