އެމެރިކާ އަސްކަރިއްޔާގެ އެންމެ ޒަމާނީ އެފް-35 ފައިޓަރ ޖެޓްތަކުގެ ތެރެއިން އެއް ޖެޓް ގެއްލިގެން، އެޖެޓް ހޯދައި ދިނުމަށް އާންމުންގެ އެހީތެރިކަމަށް އެމެރިކާގެ އަސްކަރިއްޔާއިން އެދިއްޖެއެވެ.
ޖެޓް ގެއްލުނީ މިދިޔަ ހުކުރު ދުވަހު ސައުތު ކެރޮލައިނާ މަތިން އުދުހެމުން ދަނިކޮށް ޖެޓަށް މައްސަލައެއް ދިމާވެ، ޕެރަޝޫޓުގައި ޕައިލެޓް ފުންމާލުމުންނެވެ. މިހާދިސާގައި ޕައިލެޓް ވަނީ މަރުނުވެ ސަލާމަތްވެފައެވެ. ޕައިލެޓަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ވީގޮތެއް އަދި ސާފެއް ނުވި ނަމަވެސް އޮފިޝަލުން ބުނީ އެ ފައިޓަރ ޖެޓަށް "ކުއްލި ހާލަތެއް" ދިމާވީ ކަމަށެވެ.
ލޮކްހީޑް މާޓިން އިން އުފައްދާފައިވާ އެފް-35 މަރުކާގެ ޖެޓެއް އުފެއްދެނީ ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކަމަށް މަޝްހޫރު ނޫސް އެޖެންސީ އޭއެފްޕީ އިން ބުނެ އެވެ.
އޮފިޝަލުން ބުނީ ގެއްލިފައިވާ ޖެޓް ހޯދުމުގެ މަސައްކަތުގެ ދަށުން ބޮޑަށް ފޯކަސް ކޮށްގެން ބަލަމުން އަންނަނީ ޗާލްސްޓަން ސިޓީގެ އުތުރުގައިވާ ދެކޯރެއް ވަށައިގެންނެވެ.
"މި މަސައްކަތުގައި އަސްކަރީ އަދި މަދަނީ ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް އާންމުންގެ ކިބައިން އެދެން" އެމެރިކާ އަސްކަރިއްޔާ ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
އެފް-35 މަރުކާގެ ޖެޓްތަކުގެ ސެންސަރުތަކާއި ސިސްޓަމްތައް ފަރުމާކޮށްފައިވަނީ ދުޝްމަނުންގެ ރާޑަރުން ނުފެންނަ ގޮތަށް އޮޕަރޭޓް ކުރެވޭ ގޮތަށެވެ. މިއީ ދުނިޔޭގައި މިވަގުތު އެންމެ ކުރިއަރާފައިވާ ގައުމުތަކުން ބޭނުން ކުރަމުން އަންނަ އެފް-16 މަރުކާގެ ފައިޓަރ ޖެޓްތަކަށްވުރެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އުފައްދާފައިވާ ޖެޓްތަކެވެ.