މަސައްކަތްތެރިންގެ ނުވަތަ ލޭބަރ ޤާނޫނުތަކާ ހިލާފުވެގެން މިއަހަރުގެ މިހާތަނަށް 400 ކުންފުންޏާ ދެކޮޅަށް މެލޭޝިޔާއިން ފިޔަވަޅު އަޅާފައިވާ ކަމަށް ހިއުމަން ރިސޯސަސް މިނިސްޓަރު ވީ ސިވާކުމާރާ ވިދާޅުވެއްޖެއެވެ.

ސިވާކުމާއާ ހަވާލާދީ ބުރާސްފަތި ދުވަހު ބުރާސްފަތި ދުވަހު މެލޭޝިޔާގެ ދައުލަތުގެ މީޑިޔާ "ބެރްނާމާ" އިން ބުނީ ލޭބަރ ޤާނޫނާއި ހިލާފްވެގެން ލޭބަރ ޑިޕާޓްމަންޓުން 272 ކުންފުންޏެއް ޖުމްލަ 2.17 މިލިއަން ރިންގިޓް (463،000 ޑޮލަރު) އިން ޖޫރިމަނާ ކުރިއިރު، ކޯޓުތަކުން، ވަޒީފާދޭ 128 ފަރާތްތެއް 242،000 ރިންގިޓް (51،700 ޑޮލަރު) އިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ލޭބަރ ވައިލޭޝަންތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޖޫރަ އުނިކުރުމާއި މަޖުބޫރުކޮށްގެން ވަޒީފާ އަދާކުރުވުމާއި ދަރަނިވެރިކޮށްގެންނާއި އަޅުވެތިކޮށްގެން ވަޒީފާ އަދާކުރުވުމާއި މަސައްކަތުގެ ގަޑި މާބޮޑަށް ގިނަވުމާއި، ޕާސްޕޯޓް ހިފެހެއްޓުމާއި، ސާފުތާހިރުކަން ކުޑަ ތަންތަނުގައި ވަޒީފާ އަދާކުރުވުންފަދަ މައްސަލަތައް ހިމެނެއެވެ.

މެލޭޝިޔާއިން 400 އަށްވުރެ ގިނަ ކުންފުނި، ލޭބާ ޤާނޫނާއި ހިލާފްވެގެން ޖޫރިމަނާ ކުރިނަމަވެސް އެ ކުންފުނިތަކުގެ ނަން ހާމަކޮށްފައެއް ނުވެއެވެ. ލޭބާ ޤާނޫނު ވަރަށް ހަރުކަށިކޮށް މެލޭޝިޔާއިން ތަންފީޒު ކުރަން ފަށާފައި މިވަނީ، މަޖުބޫރުކޮށްގެން ވަޒީފާ އަދާކުރުމުގެ އުސޫލުތައް 2030 ވަނަ އަހަރުގެ ނިޔަލަށް ނައްތާލުމަށް ކަނޑައަޅާފައިވާ އަމާޒު ހާސިލް ކުރުމަށްޓަކައެވެ.

މެލޭޝިއާ އަކީ ދުނިޔޭގެ ބާޒާރަށް ޕާމް އޮއިލް އިން ފެށިގެން މެޑިކަލް ގްލޯވްސް އާއި ސެމީކޮންޑަކްޓަރ ޗިޕްސް ފަދަ ހުރިހާ އެއްޗެއް ނެރެ ވިއްކާ ގައުމެއްކަން ފާހަގަ ކޮށްލެވެއެވެ.