ގއ.ކޮލަމާފުށީ ރައްޔިތުން ޒަމާނުއްސުރެން ދަތުރުދާ ރަށްކަމަށްވާ ހުރެންދޫ ފަސް އަހަރަށް ޕިކްނިކް އައިލެންޑެއް ގޮތުގައި ބޭނުންކުރުމަށް ކޮލަމާފުށި ކައުންސިލާ ހަވާލުކޮށްފިއެވެ.

މިރަށް ހަވާލުކުރުމަށް އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިންސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.އަަދި ކޮލަމާފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ނައިބު ރައީސް ޝަހާމަތު ހަނީފްއެވެ.

މި އެއްބަސްވުމާ ގުޅިގެން އެރަށު ކައުންސިލްގެ ރައީސް އިބްރާހީމް ވަހީދު ވިދާޅުވީ އެރަށަކީ ގާމަތީގެ ރަށެއްކަމުން ރައްޔިތުން މޫދަށް އެރި ދަތުރުދާނެ ސަރަހައްދެއް ނެތުމުން ކައުންސިލުން، ޕިކްނިކް އިއިލެންޑަކަށް އެދިފައިވާނެކަމަށެވެ.މީގެއިތުރުން ވިދާޅުވީ ހުރެންދޫ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ހެދުމަށްޓަކައި ދަތުރުވެރިންނަށް ފަސޭހަވާނެހެން ބަޔެއް މުހިންމު ފެސިލިޓީތައް އެރަަށުގައި ގާއިމްކުރާނެކަމަށެވެ.

ހުރެންދޫ

ކޮލަމާފުށިން ހުރެންދޫއަށް ޑިންގީފަދަ އުޅަނދުފަހަރުގައި ފަސް މިނެޓުތެރޭގައި ދެވޭއިރު، މިއީ ތިން ހެކްޓަރުގެ ރަށެކެވެ.