ނ. ހޮޅުދޫ ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފަށާފައިވާކަމަށް އެމަސައްކަތް ކުރާ މޯލްޑިވްސް ކޮންޓްރެކްޓިންގް ކުންފުނި (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 10,614 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި، 1,375 ކިއުބިކް މީޓަރުގެ ޑިޓޭޗް ރޭމްޕް ސަރަހައްދެއް ފުންކުރުމާއި، 570 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވެއެވެ.އަދި އެރަށު ބަނދަރުގެ 14 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 375 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 89 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 418 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ދެކުނު ފަރާތުގެ ރިވެޓްމަންޓްގައި ޑިޓޭޗް ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މީގެއިތުރުން ހޮޅުދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން، 570 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ ޖެހުމާއި، 375 މީޓަރުގެ ޖިއޯބޭގް ރިވެޓްންޓް ޖެހުމާއި،ރަށުގެ އޮޑިއެހެލާ ސަރަހައްދުގައި އެއްގަމު ތޮށްޓެއް ގާއިމްކުރުމާއި 14 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ޖެހުންވެސް ހިމެނެއެވެ.

މި މަޝްރޫއުއަކީ 43.2 މިލިއަން ރުފިޔާއަށް 13 މަސްތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.