މިމަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން ވޯޓެއް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވިދާޅުވެއްޖެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް ނަގަން އިތުރު އިންތިހާބެއް ބާއްވާނަމަ، 30 ނޫނީ 45 ދުވަސް ބޭނުންވާނެ ކަމަށެވެ.

މީގެއިތުރުން ހަބީބް ވިދާޅުވީ ގާނޫނުގައި އެކަށައަޅަންޖެހޭ ހަމަތަކާއި އުސޫލުތަކެއްވާ ކަމަށާއި އިންތިހާބެއް ބާއްވާނަމަ ކެންޕެއިން ކުރުމަށް 30 ނޫނީ 45 ދުވަސް ހޭދަވާނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އިތުރު އިންތިހާބެއް ބާއްވާނަމަ އެކަމަށް މަދުވެގެން 40 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

އަދި އެންމެ މުހިންމު ކަމަކީ، މިފަދަ ވޯޓެއް ނެގުމުގެ މަގްސަދާމެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުން ކަމަށާއި ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުލުމުގައި އެ ނިޒާމެއްގެ ފައިދާ އާއި ގެއްލުމާމެދު، ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ، އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާއެއް ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ރައީސް ނަޝީދު އިސް އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސްއިން ދަނީ މިމަހުގެ 25 ގައި ނިޒާމު ބަދަލު ކުރުމުގެ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ. ދެވަނަ ބުރުގެ ކުރިން މި ވޯޓު ނެގުމަށް އެ ޕާޓީގެ އެކި މެންބަރުން ދަނީ ވަކާލާތު ކުރަމުންނެވެ.