ދައުލަތުގެ ހަރަދުގައި، ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ފަސް ފަރާތެއް ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ފަސް ފަރާތެއް ފޮނުވުމަން ނިންމާ އެކަމުގެ ލިޔުން ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަހުމަދު ޒާހިރެވެ.

ހެލްތު މިނިސްޓްރީން ބުނީ ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހަދާނީ އިންޑިއާގެ އެސްޓަ މެޑްސިޓީގައި ކަމަށެވެ. އެކުދިންގެ ބޯންމެރޯ ހަދާނީ ޒަކާތު ފަންޑާއި އާސަންދަ އަދި އެންސްޕާގެ އެހީގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި ބޭސް ވީހާވެސް ލުއި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަކީ މިސަރުކާރުގެ އެއް އަމާޒު ކަމުގައެވެ. އަދި އެ އަމާޒަށް ވާސިލް ވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ތެލެސީމިއާ އައު ސެންޓަރެއް ގާއިމުކުރުމަށްޓަކައި ހުޅުމާލެއިން ބިމެއް ހޯދައި، އެބިމުގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އައު އިމާރާތެއް ޒާމާނީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިސެންޓަރ ގާއިމުވެގެން ދިއުމުން ތެލެސީމިއާ ކުދިންނަށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާކުރެވި، ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. މީގެއިތުރުން މިއިމާރާތުގައި ނެޝަނަލް ބްލަޑް ބޭންކްގެ ހިދުމަތް ގާއިމުކޮށް، އެހިދުމަތްވެސް ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކަށް ފޯރުކޮށްދެވިގެންދާނެ ކަމުގައިވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ހަނައެހެންމެ، ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމުގެ ހިދުމަތަކީވެސް ވަރަށް ހާއްސަ އިސްކަމެއް ދެއްވާ، ބައްލަވަމުންގެންދަވާ މަސައްކަތެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ނަސީމު ވިދާޅުވީ، ފަރުވާގެ ކަންކަން ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށް އެކި ގައުމުތަކުން މި ހިދުމަތް ދެމުން ގެންދާ ގޮތް ހޯދައި ބަލައި ދިރާސާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މިކުރެވުނު މަސައްކަތުގެ އަލީގައި މިފަހަރު ބޯންމެރޯ ހަދަން ދާ ކުދިންގެ ފަރުވާގެ ކަންކަން ކާމިޔާބު ކަމާއެކު ނިންމަލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ތެލަސީމިއާ ފަރުވާ ދިނުމުގައި އެންމެ ބޮޑު ކާމިޔާބީ އަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުން ކަމަށްވާއިރު، މި ފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ހާއްސަ ސަމާލުކަމެއްދީގެން ކުއްޖާ ބަލަހައްޓަން ޖެހެއެވެ.

އެގޮތުން ހޮސްޕިޓަލުން ދެއްވާ އިރުޝާދުތަކަށް އެއްބާރުލުން ދެއްވާ، ބޯންމެރޯ ޓްރާންސްޕްލާންޓްކޮށް، ރާއްޖެ އައުމަށްފަހުގައިވެސް ގަވާއިދުން ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް މޯލްޑިވިއަން ބްލަޑް ސަރވިސް (އެމް.ބީ.އެސް) ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން މިހާރުވެސް 650 ކުދިން ދަނީ ތެލަސީމިއާ ބައްޔަށް ފަރުވާ ހޯދަމުންނެވެ.