ޓެކްސީ ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ ގަވާއިދާއި، ޓެކްސީ ސެންޓަރުގެ ލިޔުން ހުށަހަޅަންޖެހޭ ގޮތަށް އޮތް ގަވާއިދުވެސް އުވާލައިފިއެވެ.
"އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވައިދު" އަށް ޓްރާންސްޕޯޓު މިނިސްޓްރީން އިއްޔެ ގެނައި އިސްލާހުގައި ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން އިސްތިސްނާވާ އުޅަނދުތަކުގެ ތެރޭގައި ޓެކްސީ ވަނީ ހިިމަނައިފައެވެ.
އިއްޔެ ގެނައި މި އިސްލާހާ އެކުގައި މިހާރު ގަރާޖު ސިޓީއާ ނުލައި ރަޖިސްޓްރީ ކުރެވޭ އުޅަނދުތަކަކީ ޓެކްސީ ކުރުމަށް ހާއްސަ ކުރާ އުޅަނދުތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ދުއްވުމަށް ހާއްސަކޮށްފައިވާ އުޅަނދުތަކެވެ. (ގަރާޖުސިޓީއާ ނުލައި ޓެކްސީ ރަޖިސްޓަރީ ނުކުރެވުމާއި ގަރާޖުސިޓީ ހޯދުމަށް އުފުލަންޖެހޭ ތަކުލީފުގެ ސަބަބުން ދިމާވާ ދަތިއުނދަގޫތަކަކީވެސް ޓެކްސީ ކުރަން ބޭނުންވާ މީހުންގެ ކަންބޮޑުވުމެކެވެ.)
ނަމަވެސް ޓެކްސީގެ ހިދުމަތް ދިނުމަށް އުޅަނދު ރަޖިސްޓްރީ ކުރެވޭނީ އިސްލާހުގައި ބުނެފައިވާ ގޮތުން 10،000 ރުފިޔާގެ ފީއެއް މިނިސްޓްރީއަށް ދެއްކުމުންނެވެ. އަދި ވަގުތީ ގޮތުން ޓެކްސީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭނީ 15،000 ރުފިޔާގެ ފީއެއް ދައްކައިގެން ކަމަށް ބުނެފައިވެއެވެ.
އެ ގަވާއިދުގައި މީގެ ކުރިން އިސްތިސްނާ ކޮށްފައި އޮންނަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދުއްވުމަށް ހާއްސަކޮށްފައިވާ 4-2 ފުރޮޅުލީ އުޅަނދު އެކަންޏެވެ.
މި އިސްލާހަށް އިއްޔެ އިން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ވަނީ "ޓެކްސީ ގަވައިދު" އަށްވެސް އިސްލާހު ގެނެސްފައެވެ.
އަންނަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ އެ އިސްލާހުގައި ބުނެފައިވާ ގޮތުން، ޓެކްސީ ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު، އެ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީ ކޮށްފައިވާ ކާރެއްކަން އަންގައިދޭ ލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ. އެއާއެކު ޓެކްސީ ހުއްދަ ޑިޖިޓަލް ލައިސެންސެއްގެ ގޮތުގައި ހައްދައިދިނުމުގެ އިހުތިޔާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިދީފައިވެއެވެ.
މިއައި ބަދަލާ ބެހޭ ގޮތުން ގިނަ ފަރާތްތަކުން ފާޅުކޮށްފައިވަނީ ހިތްހަމަޖެހުމެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ބުނަމުންދާ ގޮތުގައި މިއީވެސް ސިޔާސީ ބަދަލެކެވެ. ޑރ މުހައްމަދު މުއިއްޒެ ވެރިކަމަށް ވަޑައިގަތުމަށްފަހު ބަދަލުގެންނަން ވިދާޅުވެފައިވާ މިފަދަ ކިތަންމެ ކަމެއް މިސަރުކާރުން ފަހުވަގުތުގައި ބަދަލުކުރާކަމަށް ބުނާ މީހުންވެސް ވަކި މަދެއް ނޫނެވެ.