ގއ. ދެއްވަދޫން ކޮވިޑް-19 އަށް އިތުރު 11 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ތައުފީގް "ސީއެންއެމް" އަށް ވިދާޅުވީ އިއްޔެ 11 މީހަކު ޕޮޒިޓިވްވެ އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 55 އަށް އަރާފައިވާ ކަމަށެވެ.

އެކްޓިވް ކޭސްތަކުގެ އަދަދު 55 ގައި އުޅޭއިރު އޭގެ ތެރެއިން ދެ މީހުންނަކީ ފުރަބަންދު ކަރަންޓީނުގައި ތިބުމަށް ފަހު ނެގި ސާމްޕަލުން ޕޮޒިޓިވްވި މީހުންނެވެ.

އަދި ރަށުގެ ކޮންޓެކްޓުންގެ ގޮތުގައި މިހާނަތަށް 53 މީހަކު ފާހަގަކުރެވިފައިވާ އިރު ރޭ ވެސް ވަނީ ރަށުގައި ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ތައުފީގް ވިދާޅުވީ 60 ސާމްޕަލެއް ރޭގެ ވަގުތެއްގައި ވެސް ރަށުން ނެގުނު ކަމަށެވެ.

އޭނާ ވިދާޅުވީ، އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކް މީހެއް ނުހިމެނޭ ކަމަށެވެ. އަދި ޕޮޒިޓިވްވި 54 މީހުންގެ ތެރެއިން ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ އުމުުރުން ދުވަސްވީ ދެ މީހުން ފިޔަވައި، އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.